ހަބަރު

އިންނަަމާދޫގައި ލެބޯޓަރީގެ ހިދުމަތް ފަށައިފި

ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

މި ހިދުމަތް ފައްޓަވައިދެއްވީ މިރޭ އިންނަމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަަބްދުﷲ އަމީން އެވެ.

މި ލެބޯޓްރީ އަކީ ރަށު ކައުންސިލްގެ ފަރާތުން ކުންފުނިތަކާއި ގުޅިގެން އިމާރާތްކޮށްފައިވާ ތަނެކެވެ. ހިދުމަތް ފެށުމަށް ބޭނުންވާ މެޝިންތަކާއި ޓެސްޓްތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވަނީ މި މަހު 18 ވަނަ ދުވަހު ގާއިމް ކޮށްފަ އެވެ.

އިންނަމާދޫގައި 800 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ އިރު މި ރަށުގެ ރައްޔިތުން މީގެ ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދަމުން އައީ އެ އަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުންނެވެ. މިއީ ލޯންޗެއްގައިނަމަ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރެކެވެ. އަދި އަތޮޅު ފެރީގައިނަމަ ގާތްގަނޑަކަށް އެއް ގަޑިއިރުގެ ދަތުރެކެވެ.

އިންނަމާދޫގައި ފެށި ލެބޯޓަރީގެ ހިދުމަތުން އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އަދި މި ރަށުގައި ތެލަސީމިޔާ ބައްޔަށް ގަވައިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ހޯދާ ހަތަރު ކުދިން ދިރިއުޅޭ އިރު އެ ކުދިންގެ ފަރުވާއަށްވެސް ފަސޭހަ ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރ. އަތޮޅުގައި ލެބޯޓްރީީގެ ހިދުމަތް އަަށް ރަށެއްގެ ސިއްހީ މަރުކަޒުން ފޯރުކޮށްދެ އެވެ.