އިންޓަނޭޝަނަލް އެއާޕޯޓަކަށް ލ. ކައްދޫ އެއާޕޯޓް ތަރައްގީ ކުރަން ސަރުކާރުުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އިންތިހާބުގައި ލ. އަތޮޅަށް އެމްޑީޕީން ވާނެ ވައުދުތަކުގެ މެނިފެސްޓޯ ތައްޔާރު ކުރުމަށް އެ އަތޮޅު ގަމުގައި ބޭއްވި ކެމްޕޭން ވޯކްޝޮޕްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ އަތޮޅަކީ މި ސަރުކާރުގެ ތަރައްގީގެ ތަސައްވުރުގައި އެންމެ މުހިއްމު އަހަމިއްޔަތު ކަމެއް ދީފައިވާ ސަރަހައްދެއް ކަމަށެވެ.
ރައީސް ވިދާޅުވީ ލ. އަތޮޅަކީ ބިން ބޮޑު، ގުދުރަތީ ވަސީލަތްތައް ގިނަ އަދި ބޭނުުންތެރި އެތައް އިގްތިސާދީ މަސައްކަތެއް ކުރެވޭނެ ސަރަހައްދެއް ކަމަށާއި އިގްތިސާދީ ހަބެއްގެ ގޮތުގައި އެ އަތޮޅު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ އެ ސަބަބަށްޓަކައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިގްތިސާދީ ހަބެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީ ކުރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ އެ އަތޮޅުގެ ކައްދޫގައި އޮންނަ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. ބައިނަލް އަގްވާމީ ފެންވަރަށް އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު ފަށަން އަމާޒު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ދަނީ ފަށަމުން، ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް މަޝްރޫއެއް އެއީ، މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުމަށް މި މަސައްކަތް ކުރަނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެހެން ވިދާޅުވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ކައްދޫ އެއާޕޯޓް އިންޓަނޭޝަލް ފެންވަރަށް ތަރައްގީ ކުރުމަކީ އެ އަތޮޅު ރައްޔިތުންގެ ބޮޑު އުއްމީދެއް ކަމަށް ވިދާޅުވެ އެ ވޯކްޝޮޕްގައި ވާހަކަ ދައްކަވަފައިވާތީ އެވެ.
ރާއްޖޭގައި މިހާރު 13 އެއާޕޯޓެއް އޮތްއިރު އިންޓަނޭޝަނަލް އެއާޕޯޓްގެ ގޮތުގައި މިހާތަނަށް އޮތީ ފަސް އެއާޕޯޓެކެވެ. އެއީ މާލެ ސަރަހައްދުގައި އޮންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ސިޓީ ގަން އެއާޕޯޓާއި، އދ. މާމިގިލި އެއާޕޯޓާއި، ހދ. ހަނިމާދޫ އެއާޕޯޓްގެ އިތުރުން އެންމެ ފަހުން ނ. މާފަރުގައި ހުޅުވި އެއާޕޯޓެވެ.