މި މީހާ އަތުން ފެނުނު ދުއިސައްތަ އެއްހާ ފޭކު ޕާސްޕޯޓު ގައި ވާ ފޮޓޯ ތަކުގައިވާ މީހުންނަށާއި ހާހެއްހާ މޮބައިލް ފޯނު ނަމްބަރު ތަކަށް ފުލުހުން ދަނީ ފާރަލަމުންނެވެ. މިގޮތުން ފުލުހުން އިއްޔެ ވަނީ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅޭ އެޕާޓްމަންޓްތަކެއް ކުއްތާގެ އެހީގައި ފާސްކޮށް އެ ހިސާބުގަނޑުގެ އާންމުންނާ ސުވާލު ކޮށްފައެވެ.
ފާހަގަ ކުރެވިފައި ނެތް ގުރޫޕަކުން މިމަހު ސަތާރައިގާ ބެންކޮކް ގައި ދިން ބޮމުގެ ހަމަލާގައި ވިހި މީހުން ވަރުވެ ތައިލެންޑް ވަނީ ސިއްސުވާލާފައެވެ. ފަތުރުވެރި މަންޒިލެއްގައި ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އެހެނިހެން ގައުމުތަކަށް ނިސްބަތްވާ މީހުންނެވެ. ތައިލެންޑުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ އެގައުމުގެ އިގްތިސޯދު ފުނޑުފުނޑު ކޮއްލުމުގެ މަގުސަދުގައި ދިން ހަމަލާއެކެވެ.
ފުލުހުން އަތުލައިގެންފައިވާ މީހާއަކީ ކޮން ގައުމެއްގެ ރައްޔިތެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ. އެކަމަކު އަށާވީސް އަހަރުގެ މި މީހާ އަކީ ބޮޑު ހަމަލާއަށް ފަހު ޖެހިގެން އައި ދުވަހު ދިން ކުޑަ ހަމަލާގައި ވެސް ބައިވެރިވި މީހެއް ކަމަށް ފުލުހުން ބުނެއެވެ. ނުރަސްމީ ފަރާތްތަކުން މިއީ ތުރުކީ މީހެއްކަމަށް ބުނާއިރު އޭނާ ތަހުގީގަށް އެއްބާރުލުން ނުދޭކަމަށް ތައިލެންޑުގެ ފުލުހުން ވަނީ ބުނެފައެވެ.