ދުނިޔެ

ނަޖީބުގެ ވެރިކަން ވައްޓާލަން މަހާތީރު ގޮވާލައްވައިފި

Aug 31, 2015

"ކުރީގެ އުސޫލުތަކަށް އެނބުރި ދެވޭނެ ހަމަ އެކަނި ގޮތަކީ ރައްޔިތުން ނުކުމެ މި ބޮޑުވަޒީރު ދުރުކުރުން. އެކަން ކުރެވޭނެ ހަމައެކަނި ގޮތަކީ ރައްޔިތުން ރައްޔިތުންގެ ބާރު ދައްކާލުން. ރައްޔިތުން މިކަހަލަ ކޮރަޕްޓް ލީޑަރުންނެއް ބޭނުމެއް ނުވޭ." މެލޭޝިޔާގައި މަތީ ދަރަޖައަކަށް އިހުތިރާމް ލިބިފައިވާ 90 އަހަރުގެ މަހާތީރު ވިދާޅުވިއެވެ.

މަހާތީރަކީ ކުރިން ބޮޑުވަޒީރު ނަޖީބަށް ތާއިދު ކުރެއްވި ފަރާތެކެވެ. އެހެން ނަމަވެސް މިހާރު ގެންދަވަނީ ނަޖީބަށް ވަރަށް ހަރުކަށިކޮށް ފާޑުވިދާޅުވަމުންނެވެ.

ބޮޑުވަޒީރު ނަޖީބާއި ދެކޮޅަށް ކޭއެލް ގައި ދެދުވަސް ވަންދެން މުޒާހަރާ ކޮއްފައި މިވަނީ މިދިޔަ މަހު ލީކުވި ލިޔުންތަކަކުން ނަޖީބުގެ ބެންކު އެކައުންޓަކަށް ސަރުކާރުގެ ހަތް ސަތޭކަ މިލިއަން ޔޫ އެސް ޑޮލަރު ނަހަމައިން ޖަމާކޮއްފައިވާކަމަށް ދެއްކުމާއި ގުޅިގެންނެވެ. އެހެން ނަމަވެސް ނަޖީބު ވަނީ އެކަން ދޮގުކޮށް މުޒާހަރާ ކުރާ ފަރާތްތަކުން ބޭރުދުނިޔޭގެ ކުރިމަތީގައި މެލޭޝިޔާގެ ރީތި ނަން ކިލަނބު ކޮއްލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފައެވެ.

މެލޭޝިޔާގެ ސިޔާސީ މަސްރަހު ހޫނުވެފައި ވާއިރު މިއަދަކީ އެގައުމުގެ ގައުމީ ދުވަހެވެ.