އޮބިޗުއަރީ

ރައީސް މައުމޫންގެ މިސްރު އެކުވެރިޔާ އަވަހާރަވެއްޖެ

މިސްރުގެ އެންމެ މަޝްހޫރު އަދި މަޤްބޫލު މީޑިޔާ ޝަހްސިއްޔަތުތަކުގެ ތެރޭގައި ހިމެނިވަޑައިގަތް މުހަންމަދު އަބްދުލްއަޒީޒް އަވަހާރަވެއްޖެ އެވެ. މުހަންމަދު އަބްދުލްއަޒީޒަކީ މިސްރުގައި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެންމެ ގާތް އެކުވެރިޔާ އެވެ.

ފެބްރުއަރީ 3، 1941 އުފަންވެވަޑައިގެން މުހަންމަދު އަބްދުލްއަޒީޒް އަވަހާރަވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.

މުހައްމަދު އަބްދުއްއަޒީޒް ކިޔަވިދާޅުވީ އަލްއަޒްހަރު ޔުނިވާސިޓީއިންނެވެ. އެ ޔުނިވާސިޓީގެ އިސްލާމިކް ލޯ ފެކަލްޓީއިން ގްރެޖުއެޓްވެވަޑައިގަތީ 1965 ގައެވެ.

އޭނާ އަދާކުރެއްވި އެންމެ ފުރަތަމަ ވަޒީފާއަކީ ސައުދީ އަރަބިއްޔާގެ މަދްރާސާއެއްގައި ކިޔަވައި ދެއްވުމެވެ. އޭނާ އެންމެ ބޮޑަށް މަޝްހޫރުވެވަޑައިގަތީ، މިސްރުގައި އަލަށް އުފެދުނު ކީރިތި ގުރްއާނާބެހޭ ރޭޑިޔޯ ސްޓޭޝަން ހިންގެވި އިސްބޭފުޅެއްގެ ގޮތުގަ އެވެ. މުހައްމަދު އަބްދުއްއަޒީޒް ވަނީ ވަރަށް ގިނަ ދީނީ ޕްރޮގްރާމްތައް ރޭޑިޔޯއިން ފޮނުއްވާފަ އެވެ. އޭގެ އިތުރުން، ހުކުރު ނަމާދާއި، އީދު ނަމާދާއި، ކީރިތި ރަސޫލާގެ އީދު މީލާދު ފަދަ އެކިއެކި މުހިންމު ދީނީ ޝިއާރުތައް ރިލޭ ކޮށްދެއްވި އެވެ.

އުމުރުން 65 އަހަރުފުޅުވުމުން ސަރުކާރުގެ ވަޒީފާ ދޫކޮށް ރިޓަޔާ ކުރެއްވުމުގެ ކުރިން، އޭނާ ހިމެނިވަޑައިގަތީ، މިސްރުގެ އެންމެ މަޝްހޫރު އަދި ގިނަ ބަޔެއްގެ ގާތުގައި އެންމެ މަގްބޫލު މީޑިޔާގެ ޝަޚްސިއްޔަތުތަކުގެ ތެރޭގަ އެވެ. އޭގެ ސަބަބަކީ، އޭނާގެ އިލްމު ވެރިކަމާއި، ބަހުގެ ހަމަތަކާއި ގަވާއިދުތަކާ އެއްގޮތަށް ވާހަކަފުޅު ދައްކަވާ، ވަރަށް ރީތި އިބާރާތްތަކެއް ބޭނުން ކުރައްވާ ވަރަށް ރީތި އަޑެއްގެ ވެރިޔަކު ކަމުގައި ވުމެވެ.

އޭނާއަކީ، ރާއްޖެއަށް ވެސް ގިނަގުނަ ހިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މިސްރުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސަލްކަމުގެ މަގާމު ވަރަށް ގިނަ ދުވަސްތަކެއްވަންދެން ފުރުއްވެވި އެވެ. މިގޮތުން ރާއްޖޭގެ އެމްބަސީއެއް ނުވަތަ ރަސްމީ އޮފީހެއް މިސްރުގައި ނެތް ނަމަވެސް ދިވެހި ސަރުކާރުގެ މަސްލަހަތުތައް ބަލަހައްޓަވައި ދެއްވި އެވެ.

އަދި ރާއްޖެއިން މިސްރަށް ޒިޔާރަތް ކުރައްވާ ރާއްޖޭގެ މިނިސްޓަރުންނާއި އެހެނިހެން އިއްޒަތްތެރި ބޭފުޅުންގެ ހުރިހާ ކަމެއް އިންތިޒާމް ކޮށްދެއްވާ ހެއްދެވީ ވެސް އޭނާ އެވެ. އަދި މިސްރުގައި ތިބޭ ދިވެހި ކިޔަވާ ކުދިންނަށް އެހީތެރިވެ ދެއްވާ އެކުދިންނާ ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި އެވެ.

އަަޒްހަރުން ރާއްޖެއަށް ފޮނުއްވާ މުދައްރިސުންނާއި، ދިރާސީ ފޮތްތައް ފޮނުވުމުގައި އިސް ދައުރެއް އަދާކުރެއްވީ ވެސް އޭނާއެވެ. އަދި ރާއްޖެއަށް ތައުރީފް ލިބޭގޮތަށް، މިސްރުގެ މީޑިޔާގައި ރާއްޖެއާބެހޭ ގޮތުން އޭނާ ވަނީ އެތައް ފަހަރަކު ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް މައުމޫންގެ ޓްވީޓް

ރައީސް މައުމޫން ވަނީ މުހައްމަދު އަބްދުއްއަޒީޒް އަވަހާރަވީ ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް މައުމޫނުގެ ވަރަށް ގާތް ރަހްމަތްތެރި ބޭފުޅެއްގެ ހައިސިއްޔަތުން، ރައީސް މައުމޫން ޖަލުގައި ހުންނެވި ދުވަސްވަރު، ވަރަށް ގިނައިން އެމަނިކުފާނުގެ އާއިލާއާ ގުޅުއްވައި، ހާލުކޮޅު ބައްލަވާ ހެއްދެވިއެވެ. އަދި ރައީސް މައުމޫނާއި ނަސްރީނާގެ ކައިވެނިފުޅުގެ އެއް ހެކިވެރިއެއްގެ ގޮތުގައި ވެސް މުހަންމަދު އަބްދުލްޢަޒީޒް ހުންނެވި އެވެ.