ދުނިޔެ

ކޮރޯނާ ވައިރަސް އުފެއްދުމާއެކު ވެކްސިނެއްގެ އުއްމީދު

Jan 29, 2020
4

ކެންބެރާ (ޖެނުއަރީ 29) - ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދެމާއެކު ވެކްސިނެއް ހޯދުމުގެ އުއްމީދު ބޮޑުވެއްޖެ އެވެ.

މިހާތަނަށް 6،000 އަށް ވުރެ ގިނަ މީހުންނަށް ވައިރަސް އަރައި އޭގެ ތެރެއިން 132 މީހަކު މަރުވެފައި ވާއިރު، ސައިންސްވެރިންގެ މި ކާމިޔާބީ އަކީ ބައްޔާ ދެކޮޅަށް ވެކްސިނެއް އުފައްދައި ފަރުވާއެއް ހޯދަން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ.

ޗައިނާގެ ސައިންސްވެރިން ވެސް ވަނީ ވައިރަސް އަމިއްލަ އަށް އުފައްދައި ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޗައިނާގެ ސައިންސްވެރިން ވައިރަހުގެ ޖީނޯމް ސީކުއެންސް އެހެން ސައިންސްވެރިންނާ ހިއްސާކުރި ނަމަވެސް ވައިރަސްއެއް ނުދެ އެވެ. އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނީ އެ މީހުން އުފެއްދި ވައިރަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާ ހިއްސާކުރާނެ ކަމަށެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ތަފާތު 16 ގައުމަކުން ވައިރަސް އަރާފައިވާ 47 މީހުން ވަނީ ފެނިފަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ޗައިނާ ސަރުކާރުން ދަނީ އެ ބައްޔަށް ފަރުވާދިނުމަށް ހާއްސަ ދެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

އަދި ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އާ ސެމެސްޓާގެ ކިޔެވުންވެސް ވަނީ މުއްދަތެއްނެތް ގޮތެއް ފަސްކޮށްފަ އެވެ. އަދި ޗައިނާގެ ގިނަ ކުންފުނިތަކުގެ މުވައްޒަފުންވެސް މަސައްކަތަށް ނުނިކުތުމަށް ކުންފުނިތަކުން ދަނީ އަންގަމުންނެވެ.