ރައީސް މުހައްމަދު ނަޝީދު

ވެށީގެ ހަމަތަކަށް ބަދަލު އަޔަސް ތަރައްގީ ހުއްޓާލެވެން ނެތް: ނަޝީދު

ރާއްޖޭގެ ގުދުރަތީ ހަމަތަކަށާއި ވެށީގެ ހަމަތަކަށް ބަދަލުތައް އަންނަމުންދާ ކަމަށާއި ނަމަވެސް އެ ބަދަލުތަކާ ގުޅިގެން ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލައި ހުއްޓާލެވެގެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށް ފަހަކަށް އައިސް އާދަޔާ ހިލާފަށް ވަރަށް ބޮޑަށް ގިރަމުންދާ މައްސަލައާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުން ވަނީ އާންމުންނަށް ވަދެވޭ ގޮތަށް ހުޅުވާލަފަ އެވެ. އެހެންކަމުން ކޮމިޓީގެ އެ ބައްދަލުވުމަށް ތިމާވެށި ހިމާޔަތް ކުރާ ޖަމިއްޔާތަކުގައި އުޅޭ ބައެއް މީހުނާއި އާންމުންގެ ތެރެއިން ބައެއް މީހުން ވެސް ވަދެ ތިއްބެވެ.

މި ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިންސާނުން ކުރާ ނޭދެވޭ ބައެއް އަމަލުތަކާއި ސަރުކާރުން ހިންގާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ނޭދެވޭ އަސަރު ފޯރަމުން ދިޔަ ނަމަވެސް ފަހަކަށް އައިސް ރަށްރަށް ގިރަމުން ގޮސްފައި ވަނީ މޫސުމަށް އައި ބައެއް ބަދަލުތަކާ ގުޅިގެން ކަން ފާހަގަ ކުރެވޭ ކަމަށެވެ.

"މޫސުމަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެން މައްސަލަ ހައްލު ކުރަން ހަގީގަތުގައި ސަރުކާރަށް ކުރެވޭ މާ ބޮޑު ކަމެއް ނޯންނާނެ، ދުނިޔޭގެ އެއްވެސް ސަރުކާރަކަށް، ވަގުތުން ހައްލު ގެނެވޭ ވަރުގެ ކަހަލަ ކަމެއް ނޫން މިއީ އެއް، ދިމާވެގެން މި އުޅެނީ އަޅުގަނޑުމެން ކުރި ކަމަކާ ގުޅިގެން އައިސްގެން އުޅޭ ވަރުގެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އާންމުންގެ ތެރެއިން ވެސް ދެ މީހަކަށް ވާހަކަ ދައްކަން ފުރުސަތު ދިނެވެ. ވާހަކަ ދެއްކި ދެ މީހުން ވެސް ވަނީ ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކާއި ޓޫރިޒަމްގެ ބޭނުމަށް ބައެއް ފަޅުތައް ހިއްކަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ގޮތުން ސޭވް މޯލްޑިވްސް ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އަހްމަދު މުހައްމަދު (ފޯމީ) ވަނީ އެއްވެސް ރޭވުމެއް ނެތި ބައެއް ފަޅުތައް ހިއްކަމުން ދިއުމުގެ އިތުރުން ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާ މައްސަލަ ވެސް ފާހަގަ ކޮށްފަ އެވެ. މިފަދަ ބައެއް މަޝްރޫއުތައް މަޑުޖައްސަން ޖެހޭ ކަމަށް އެ މީހުން ފާހަގަ ކުރި އެވެ.

މި ވާހަކަތަކާ ގުޅިގެން ރައީސް ނަޝީދު ދެން ވިދާޅުވީ، އިންސާނުން ކުރަމުންދާ ކަންކަމާ ގުޅިގެން ތިމާވެއްޓަށް އަސަރު ކުރާ ކަމަށާއި ނަމަވަސް އެއްވެސް މީހަކު ނުކުރާ ކަންކަމުން ވެސް މޫސުމަށާއި ވެއްޓަށާއި ގުދުރަތީ ހަމަތަކަށް ބަދަލު އަންނަމުން އެބަދާ ކަމަށެވެ. އަދި ކުރަމުންދާ ކަންކަން ހުއްޓާލިޔަސް އެ ބަދަލުތައް އައިސް ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މި ބަދަލުތައް އައި ނަމަވެސް ދިރިއުޅުމަށްޓަކައި ރައްޔިތުންނަށް އަސާސީ އުމްރާނީ މަޝްރޫއުތަކާއި ތަރައްގީގެ މަޝްރޫއުތައް ހިންގަން ޖެހޭ ކަމަށެވެ. ތަރައްގީގެ ބައެއް މަޝްރޫއުތައް ހިންގަނީ ވެސް ރަށްރަށް ހިމާޔަތް ކުރުމަށާއި ސަރުކާރުން ކުރަން ޖެހޭ އެހެން ބައެއް ކަންކަން ކުރުމަށް އާމްދަނީ ހޯދުމުގެ މަސައްކަތްތައް ގެންދަން ކަމަށް ވިދާޅުވި އެވެ.

"ދިރިއުޅުން ހުއްޓާލެވޭކަށް ވެސް ނެތް، ތަރައްގީ ހުއްޓާލެވޭކަށް ވެސް ނެތް، ބޯހިޔާވަހިކަން ހުއްޓާލެވޭކަށް ވެސް ނެތް، އޮޑިދޯނިފަހަރު ފުރާ ލެފުން ވެސް ހުއްޓާލެވޭކަށް ނެތް. އިންޖީނު ގެތަކާއި ކަރަންޓު ދިނުން ވެސް ހުއްޓާލެވޭކަށް ނެތް. ބޯފެން ދިނުން ވެސް ހުއްޓާލެވޭކަށް ނެތް، މި ކަންކަން ކުރިއަށް ގެންދަން ޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމިޓީން މިއަދު ވަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ކަމާ ބެހޭ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން ރަށްރަށް ގިރަމުންދާ މައްސަލަ ދިރާސާކޮށް ރިޕޯޓެއް އެކުލަވާލުމަށް ނިންމައިފަ އެވެ. އަދި ކޮމިޓީން އެކުލަވާލާ ދިރާސާ ރިޕޯޓާ މެދު ގޮތެއް ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ކޮމިޓީން ނިންމާފައިވެ އެވެ.