ދުނިޔެ

މުއްލާ އުމަރުގެ މަރު ސިއްރު ކުރި ކަމަށް ތޯލިބާނުން އެއްބަސް ވެއްޖެ

Sep 1, 2015

ކާބުލް (ބީބީސީ) ތޯލިބާނުގެ ކުރީގެ ލީޑަރު މުއްލާ އުމަރުގެ މަރު ދެ އަހަރު ދުވަސް ވަންދެން ސިއްރު ކުރި ކަމަށް އުމަރުގެ ފަހުން ތޯލިބާނުންގެ ލީޑަރު ކަމަށް އައްޔަންކުރި މުއްލާ އަހްތަރު މަންސޫރު އެއްބަސްވެއްޖެއެވެ. އިއްޔެ ނެރުނު އޭނާގެ ބްޔޯގްރަފީގައި އަހްތަރު ބުނެފައިވާ ގޮތުގައި މުއްލާ އުމަރު މަރުވީ 23 އެޕްރީލް 2013 ގައެވެ.

މުއްލާ އުމަރުގެ މަރު އޭރު ތޯލިބާން ލީޑަރުންގެ އިސް ބަޔެއްގެ މެދުގައި ސިއްރު ކުރެވިފައި އޮތީ ޖަމާއަތް ހިންގުމަށް ހިކުމަތްތެރި ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް ބަޔޯގްރަފީގައި ބުނެފައި ވެއެވެ. މިގޮތުން 2013 އަކީ ތޯލިބާނުންނާއި އަފްގާނިސްތާނުގައި އޭރު އޮތް އެމެރިކާގެ ބާރުވެރިކަން ވަޒަން ކުރެވިގެންދާނެ އަހަރުކަމަށް ވާތީއާއި، ޖެހިގެން އޮތް އަހަރަކީ ބޭރުގެ އަސްކަރީ ބާރުތައް އަފްގާނިސްތާނުން ފައިބާ އަހަރު ކަމަށް ވާތީ ކަމަށް ވެސް ފަސް ހާސް ބަހުގެ މި ބަޔޯގްރަފީގައި ބުނެފައިވެއެވެ.

މި އަހަރުގެ ޖުލައި މަހާ ހަމައަށް ވެސް މުއްލާ އުމަރުގެ ނަމުގައި ތޯލިބާނުން ރަސްމީ ސްޓޭޓްމަންޓްތައް ނެރެފައިވެއެވެ. އުމަރުގެ މަރުގެ ހަބަރު ތޯލިބާނުން ދިނީ ޖުލައި ތިރީހުގައެވެ. އެހެންނަމަވެސް މަރުވީ ކިހިނެއް، ކޮން އިރަކު ނުވަތަ ކޮން ތާކު ކަމެއް އޭރުވެސް ތޯލިބާނުން ނުބުނެއެވެ. ހަމައެކަނި ބުނެފައި ވަނީ އޭނާ މަރުވީ ބަލިވެ އުޅުމައްފަހު ކަމަށާއި އެމެރިކާއިން އަފްގާނިސްތާނަށް 2001 ގައި އެރީއްސުރެ، މަރު ވުމާއި ހަމައައްވެސް މުއްލާ އުމަރު ހުރީ އަފްގާނުގައި ކަމަށެވެ.