ވިޔަފާރި

ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

Feb 2, 2020

ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ.

ބީއެމްއެލް އިން ބުނީ މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި ފަސް މަޝްރޫއު ހިންގުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެ ކުއާޓާގެ ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ހަފްތާގެ ހޮނިހިރު ދުވަސް ކަމަށް ބެންކުން ބުންޏެވެ.

"ބޭންކް އޮފް މޯލްޑިވްސް ގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައުއާ އޮތް ގުޅުން ބަދަހިކުރުން. ފާއިތުވެދިޔަ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައި. އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. މި ފަންޑު މިއަހަރުވެސް ކުރިޔަށް ގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ބޮޅެއް،" އެ ފަންޑާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލް އިން ވަނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ހިންގުމަށް އެއް މިލައަން ރުފިޔާ ހޭދަކޮށްފަ އެވެ. މިގޮތުން ނެއްލައިދޫ ކޮމިއުނިޓީ ޕާކާއި، ދ. މާއެނބޫދޫގެ ސްކޫލު ލައިބްރަރީ ތަރައްގީކުރުމާއި، އއ. ދަނގެތި އަދި ށ. ފޭދޫގައި ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމާއި، ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ގާއިމްކުރުމާއި ކ. ގާފަރުގައި ސެން ކްލާސްރޫމެއް ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓްތައް ވަނީ ކުރިޔަށް ގެންގޮސްފައިވެ އެވެ.