ވިޔަފާރި

ހަތަރު އަހަރުތެރޭ ހަ އެއާޕޯޓު އަޅަނީ

ކުރި އަށް އޮތް ހަތަރު އަހަރުތެރޭ، ހަ އެއާޕޯޓެއް އަޅަން ނިންމާފައިވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމީ ތަރައްގީއާ ގުޅިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް އޮތުން ކަމަށެވެ. ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރެވޭނެ، އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށާ، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭ ހަ ރަށެއްގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ރަށްތައް ކަނޑު ދަތުރުފަތުރުގެ ލުއި ފަސޭހަ ނިޒާމަކުން ގުޅައިލުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ އާއި ހދ. އަދި ށ. އަތޮޅުގެ ރަށް ތަކަށް މުޅިން އައު ދަތުރު ތަކެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށެވެ. މިމަޝްރޫޢުގެ ދަށުން، ދުވެލި ހަލުވި، ތިމާވެއްޓާ ރަޙްމަތްތެރި އަދި ރައްކާތެރި އުޅަނދުތަކެއްގެ އެހީގައި މި އަހަރުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ގިނަ އެއާޕޯޓް ތަކެއްގެ މަސައްކަތް ފަށާފައިވެ އެވެ. އެވެރިކަމުގެ ފަސް އަހަރު ތެރޭގައި މަސައްކަތް ފެށި ކުޅުދުއްފުށީ އެއާޕޯޓާއި މަނަފަރު އެއާޕޯޓް ވަނީ ހުޅުވާފަ އެވެ. މިހާރު މަސައްކަތް ކުރިއަށް ދަނީ ހއ. ހޯރަފުށްޓާއި ގދ. ފަރެސްމާތޮޑާ އަދި ފުނަދޫ އެއާޕޯޓެވެ. އަންނަ މަހުގެ އެއް ވަނަ ދުވަހު ފުނަދޫ އެއާޕޯޓުގެ މަސައްކަތް ނިމި ހުޅުވާނެ އެވެ. މިއާއެކު ރާއްޖޭގައި ހުރި އެއާޕޯޓުގެ އަދަދު 13 އަށް އަރާނެ އެވެ.