ގއ. އަތޮޅުގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓެއް ކަމަށްވާ މާވަރުލު އެއާޕޯޓުގެ ޓާމިނަލްގައި ފިހާރައެއް ހިންގާނެ ބަޔަކު ހޯދަން ފަށައިފި އެވެ.
ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަން ސަރުކާރުން އުފެއްދި ކުންފުނި ރީޖަނަލް އެއާޕޯޓްސް (އާރުއޭސީއެލް) އިން ބުނި ގޮތުގައި މާވަރުލު އެއާޕޯޓުގައި ޝޮޕެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ މިމަހުގެ 26 އެވެ.
އާރުއޭސީއެލް އިން ބުނި ގޮތުގައި ޓާމިނަލް ތެރޭގައި ހިންގާ މި ފިހާރަ ހަދައި އެތަން ކުއްޔަށް ދޫކުރާ އެންމެ ދިގު މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މާވަރުލުގައި އެއާޕޯޓެއް ތަރައްގީކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މި އެއާޕޯޓު ހުޅުވޭވަރުވީ މި ދައުރުގަ އެވެ. ގދ. ގައްދޫ ކައިރީގައިވާ މާވަރުލުގައި އެއާޕޯޓެއް ހެދުމަށް އެންމެ ފުރަތަމަ ހަވާލުކޮށްފައިވަނީ ގައްދޫ ދާއިރާގެ ކުރީގެ މެންބަރު ޒާހިރު އާދަމް ހިއްސާވާ މޫވިން އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެމްޑީޕީގެ ސަރުކާރުން 10 ޖުލައި 2011ގައެވެ.
މާވަރުލު އެއާޕޯޓްގެ ބޮޑުބައެއް ނިމިފައިވަނިކޮށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ސަރުކާރުން މޫވިން އިންޓަނޭޝަނަލްއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެ ފަހުން ރައީސް ޔާމިންގެ ސަރުކާރުން މި އެއާޕޯޓުގެ މަސައްކަތް އަލުން ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މި އެއާޕޯޓަކީ ދުވާލަކު ދެ ފްލައިޓް ޖައްސާ އެއާޕޯޓެކެވެ.