ކޮވިޑް-19 އިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އިންޑިއާގެ ވެރިރަށް ނިއުދިއްލީ ލޮކްޑައުން ކުރުމާއި ގުޅިގެން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް މަދު ވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް އޮޕަރޭޓަރު އިބްރާހިމް ހުސައިން ވިދާޅުވީ ދިއްލީ ލޮކްޑައުން ކުރުމާއެކު ފަތުރުވެރިން ރާއްޖެ އަންނަ އަދަދަށް އެނގުން ވެފައިވާ ކަމަށާއި އިއްޔެގެ ރިކޯޑްތަކުން އެކަނި ވެސް އެކަން އެނގޭ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުތައް ހިއްސާ ކުރައްވަމުން އިބްރާހީމް ވިދާޅުވީ 150 މީހުންގެ ޖާގައިގެ ފްލައިޓަކުން އިއްޔެ ރާއްޖެ އައިސްފައި ވަނީ 55 ފަތުރުވެރިން ކަމަށެވެ. ގޯއެއާ އާއި އިންޑިގޯ ފަދަ އެއާލައިންތަކުގެ ފްލައިޓުތައް ރާއްޖެއަށް ދަތުރުކުރާއިރު ނިއުދިއްލީގައި ބައެއް ފަހަރު ޖެއްސުމަށް ފަހު އެ ސިޓީން ފަތުރުވެެރިން ރާއްޖެއަށް ގެނެސްދެ އެވެ.
އެކަމަކު ނިއުދިއްލީ ލޮކްޑައުން ކުރުމާއެކު ރާއްޖެއަށް ޒިޔާރަތް ކުރާ ފްލައިޓްތަކަށް އެ ސިޓީއަށް ދަތުރު ނުކުރެވޭތީ އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދުތައް މަދުވީ އެވެ.
ކޮވިޑުން ރައްކާތެރިވުމަށް ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަދިވެސް ލުއި ދީފައި ނުވާތީ ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެއް ކަމަށްވާ ލަންޑަނުން އަންނަ ފަތުރުވެރިންގެ އަދަދު ވެސް މިދުވަސްކޮޅު މަދު ކަން އިބްރާހީމް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އިއްޔެގެ ރިކޯޑްތަކަށް ބަލާއިރު ލަންޑަނުން އައިސްފައިވަނީ 20 ފަތުރުވެރިންނެވެ.
އިބްރާހީމް ވިދާޅުވީ މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވެސް މިވަގުތު މަދު ކަމަށެވެ. އެ ސަރަހައްދުން ފަތުރުވެރިން އައުން މިދުވަސްވަރު މަދީ ރޯދަ މަހާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އިއްޔެގެ ރިކޯޑުތަކަށް ބަލާއިރު ރަޝިޔާ އިން ރާއްޖެ އައި ފަތުރުވެރިން ވަނީ އިތުރުވެފަ އެވެ. އެގޮތުން އިއްޔެ ރަޝިޔާ އިން 390 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.
އެމްއޭސީއެލްގެ ރިކޯޑުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެ އައިސްފައިވަނީ ޖުމްލަ 2400 ފަތުރުވެރިންނެވެ. އަދި ރާއްޖެއިން އިއްޔެ ފުރާފައިވަނީ 2363 ފަތުރުވެރިންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަށްފަހު އަލުން ރާއްޖޭގެ ބޯޑަރު ހުޅުވުމުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަށް އަންނަނީ އިންޑިއާ އިންނެވެ. އެގޮތުން ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ 23 ޕަސެންޓް ހިއްސާ ކުރަނީ އިންޑިއާ އިންނެވެ.
އެތެރޭގެ އުދުހުންތައް ހުރި ގޮތުގެ މައުލޫމާތު ހިއްސާކުރައްވަމުން އިބްރާހީމް ވިދާޅުވީ ވީއައިއޭ މެދުވެރިކޮށް ރޯދައިގެ ކުރިން އެވްރެޖްކޮށް 700 މީހުން ދަތުރުކުރި ކަމަށެވެ. އެކަމަކު ރޯދަ މަހާ ގުޅިގެން އެތެރޭގެ ދަތުރުތަކުގައި އިއްޔެ ދަތުރުކޮށްފައިވަނީ 400 އެއްހާ މީހުން ކަމަށެވެ.
ރާއްޖެއަށް ކާގޯ ހިފައިގެން އިއްޔެ އައިސްފައިވަނީ އެންމެ ފްލައިޓެކެވެ. އެއީ ސްރީލަންކާ އިން ގެނެސްފައިވާ 83 ޓަނުގެ ކާގޯ އެވެ.