ރީޖަނަލް އެއާޕޯޓްސް

ރީޖަނަލް އެއާޕޯޓްސްގެ ކޮންސަލްޓެންޓަކަށް މޫސާ ސޯލިހު

Mar 23, 2021
3

އެތެރޭގެ އެއާޕޯޓުތައް ބަލަހައްޓަން ސަރުކާރުން އުފެއްދި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ) ގެ ކޮންސަލްޓެންޓަކަށް އެމްއޭސީއެލްގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު، މޫސާ ސޯލިހު ހަމަޖައްސައިފި އެވެ.

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވީ މޫސާ ސޯލިހު ކޮންސަލްޓެންޓަކަށް ހަމަޖެއްސީ އޭނާއަކީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކަށްވާތީ ކަމަށެވެ.

"ކޮންސަލްޓެންޓެއްގެ ގޮތުގައި ޑޭޓްޑޭ ވޯކްގެ ގޮތުގައި ކުންފުނީގައި މަސައްކަތް ކުރައްވާނީ. ކުންފުންޏަށް މިއީ ބޭނުންތެރި މަގާމެއް،" ރިޒުވީ ވިދާޅުވި އެވެ.

މޫސާ ސޯލިހު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް 39 އަހަރު ހިދުމަތް ކުރައްވާފަ އެވެ. އޭނާ އެ މަގާމުން ރިޓަޔާ ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

މޫސާ ސޯލިހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުބޭބެ އެވެ. އޭނާ އެމްއޭސީއެލްގެ އެކްޓިން އެމްޑީގެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ނޮވެމްބަރު 15 2018 އިގަ އެވެ.