ވިޔަފާރި

ފްލައިމީ އިން އޮކްޓޫބަރު މަހު އާ ބޯޓެއް ގެންނަނީ

Aug 14, 2019
2

މަޝްހޫރު ވިޔަފާރިވެރިޔާ، ގާސިމް އިބްރާހިމްގެ ފްލައިމީ މި ހިނގާ އޮކްޓޫބަރު މަހު އާ ބޯޓެއް ގެނެސް ހިދުމަތް ވަރުގަދަ ކުރަން ނިންމައިފި އެވެ.

ވިލާ އެއާއިން އޮޕަރޭޓް ކުރާ ފްލައިމީ އިން ބުނީ އެ ކުންފުނިން އަލަށް ގެންނަނީ އޭޓީއާރު 72-600 މަރުކާގެ ބޯޓެއް ކަމަށާއި މި ބޯޓުގައި 72 ގޮނޑި ހުންނާނެ އެވެ.

އޭޓީއާރު މަރުކާގެ އެންމެ ފަހުގެ ބޯޓު ކަމަށްވާ އޭޓީއާރު 72-600 ފަރުމާކޮށްފައިވަނީ ތަނަވަސް ޖާގައެއް އޮންނަ ގޮތަށެވެ. މީގެ ކޮންމެ ބޯޓެއްގެ ގޮނޑިބަރި ދޭތެރޭގައި ގާތްގަނޑަކަށް 29 އިންޗި ހުރެ އެވެ.

ފްލައިމީ އިން ބުނީ އަލަށް ގެންނަ ބޯޓު ބޭނުންކުރާނީ އެންމެ ގިނައިން މީހުން ދަތުރުކުރާ މަންޒިލް ތަކަށް ކަމަށެވެ.

ފްލައިމީ އިން މިހާރު ދަތުރުކުރަނީ އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އަދި ފުވައްމުލަކަށެވެ.

އެތެރޭގެ އުދުހުންތައް ފުޅާ ކުރުމުގެ ގޮތުން ވިލާ އެއާއިން ދަނީ ސީޕްލޭންގެ ހިދުމަތް ފަށަން ސީޕްލޭން ގެންނަން ވެސް މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން ދާދިފަހުން ވަނީ މި ބޯޓުގެ ކުރެހުންވެސް ދައްކާލާފަ އެވެ.