ވިޔަފާރި

މާފަރު އެއާޕޯޓުގައި އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަނީ

Jun 21, 2018
6

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ގައި އަންނަ މަހު ޓެސްޓް ފްލައިޓް ޖައްސަން ތައްޔާރުވާން ފަށައިފި އެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އަބޫދާބީ ފަންޑުން ނ. މާފަރުގައި ހަދާ އެއާޕޯޓުގެ މަސައްކަތް ހިނގާ ގޮތް ބައްލަވައި ލެއްވުމަށްފަހު، މާފަރުގައި އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި މި މަސައްކަތް މިހާރު ދާ ގޮތަށް ކުރިއަށްދާނަމަ އަންނަ މަހުގެ ފަހުކޮޅުގައި ޓެސްޓް ފްލައިޓް ޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެންމެ ފުރަތަމަ ނިންމާނީ ރަންވޭ، ރަންވޭގެ ސަބް ފޭސް ނިންމިފައި މިވަނީ. ތާރު އަޅަން ފެށޭނެ ކަމަށް ބެލެވެނީ މިމަހުގެ 25 ނޫނީ 27 ގައި ތާރުގެ މަސައްކަތް ފެށޭނެ ކަމަށް. މިހާރު ތާވަލް ކޮށްފައިވާ ގޮތަށް ކުރިއަށްދާނަމަ ކޮންސެލްޓެންޓުން މި ބުނަނީ 13 ދުވަހުން އެ [ތާރު] ގެ މަސައްކަތް ނިންމާލެވޭނެ ކަމަށް،" އެއާޕޯޓުގެ ކޮންޓްރެކްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ސިންގަޕޫގެ ޓަފް އިންފްރާ ކުންފުންޏާއެކު ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު މާފަރަށް ކުރެއްވި ދަތުރުފުޅުގައި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފާއި މަނަދޫ ދާއިރާގެ މެންބަރު އުމަރު ހުސެއިން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން ހަދާ މި އެއާޕޯޓު ނިމޭއިރު، މިތަނުގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެ އެވެ. މިގޮތުން މި ރަށުގައި އަޅަނީ 2،200 މީޓަރުގެ ރަންވޭ އެކެވެ. އަދި ރަންވޭ އާއެކު ހިތްގައިމު ޓާމިނަލް އަކާއި ވީއައިޕީ ލައުންޗެއް ވެސް އަޅާނެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ އެއާޕޯޓުގެ ރަންވޭގައި ބޯޓު ފަހަރު ޖެއްސުމުގެ ކުރިން ޖުލައި މަހުގެ މެދުތެރޭގައި ސިވިލް އޭވިއޭޝަންގެ ފުރަތަމަ އިންސްޕެކްޝަން ހަދާނެ ކަމަށެވެ.

"އިމާރާތްތައް އެޅުމުގެ މަސައްކަތް ވެސް ޕްލޭންއާއެކު ކުރިއަށް ދޭ. ރަންވޭ ޖުލައި މަހު ނިމޭނެ. އަޅުގަނޑުމެން މި ބަލަނީ އޮގަސްޓް މަހުގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ލިބޭނެ ގޮތް ހެދުން. މިއީ ވަރަށް ޒަމާންވީ މަސައްކަތެއް،" ޒަމީރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓާއެކު، ސިޓީ ހޮޓަލެއް އަޅަން ވެސް ވަނީ ނިންމާފަ އެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓެއް އަޅާފައި ދޫކޮށްލުމުގެ ބަދަލުގައި ސަރުކާރުގެ މިހާރުގެ ވިސްނުމަކީ މިފަދަ ތަންތަން ސަސްޓެއިން ގޮތަކަށް ކުރިއަށް ގެންދިއުން ކަމަށެވެ.

"މި ތަނަށް ޖައްސާފައި އެއާޕޯޓުން ފީނަގައިގެން ދާނަމަ ޓިކެޓުގެހަރަދު ބޮޑުވެގެންދާނެ. އެހެންވެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި އޮތީ މިގޮތަށް ހުންނަ ޕްރޮޖެކްޓްތައް ނިންމަންވާނީ ހިންގޭނެ ގޮތަކަށޭ. އެގޮތުން ނިމިގެންދާއިރު ސިޓީ ހޮޓަލެއް އެޅޭނެ. އިރާދުކުރެއްވިއްޔާ ރައީސްގެ އިކޮނޮމިކް އެޖެންޑާގައި އޮތް ގޮތަށް މިތަނުން ރައްޔިތުންނަށް ފައިދާ ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މާފަރު އެއާޕޯޓްގެ މަސައްކަތް މީގެ ހަތަރު ވަރަކަށް އަހަރުކުރިން ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް އޮތީ މިހާތަނަށް ހުއްޓިފަ އެވެ. މި އެއާޕޯޓުގެ އިތުރުން ސަރުކާރުން ދަނީ އިތުރު އަށް އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ.