ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބާރު ބޮޑު، ދަރަވަންދޫ އެއާޕޯޓަށް 2017 ވަނަ އަހަރު 97,379 މީހުން ދަތުރުކޮށްފި އެވެ.
ނޭޝަނަލް ސްޓެޓިސްޓިކް ބިއުރޯއިން މި މަހު އާންމުކުރި "ސްޓެޓިސްޓިކް އިޔާ ބުކް 2018" ގައިވާ ގޮތުން 2017 ވަނަ އަހަރު ދަރަވަންދޫ އެއާޕޯޓަށް 97,379 މީހުން ގޮސްފައިވެ އެވެ. އަދި އެ އެއާޕޯޓުން 95,828 މީހުން ވަނީ ފުރާފަ އެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މީހުން ދަތުރު ކޮށްފައިވަނީ މާމިގިލި އެއާޕޯޓަށެވެ. މި އެއާޕޯޓަށް 97,504 މީހުން ވަނީ ގޮސްފައެވެ. އަދި އެއާޕޯޓުން 91,499 މީހުން ވަނީ ފުރާފަ އެވެ. -- ބާރުބޮޑު ކަމަށް ބަލާފައި އެވަނީ އެރަވައިލް އާއި ޑިޕާޗާ އެއްކޮށްލައިގެނެވެ.
ދަރަވަންދޫ އެއާޕޯޓަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައިވަނީ ޓޫރިޒަމްގެ އާ އަހަރާ ކައިރިކޮށް ޑިސެމްބަރު މަހު އެވެ. އެ މަހު 11,011 މީހުން ދަރަވަންދޫ އެއާޕޯޓަށް ދަތުރު ކުރި އެވެ. އަދި އެންމެ ގިނަ މީހުން ފުރާފައިވަނީ އޮކްޓޫބަރު މަހު 10,004 މީހުންނެވެ.
ގައުމީ ތަފާސް ހިސާބުތަކުގެ ބިއުރޯގެ ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ތެރެއިން އެންމެ މަދުން މީހުން އައިސް ގޮސްވާ އެއާޕޯޓަކީ ތ. ތިމަރަފުށީ އެއާޕޯޓެވެ. އެ އެއާޕޯޓަށް 2017 ވަނަ އަހަރު ދަތުރުކޮށްފައިވަނީ 6,734 މީހުންނެވެ. އަދި މި އެއާޕޯޓުން ފުރާފައިވަނީ 6,021 މީހުންނެވެ. މި އެއާޕޯޓަށް 2017 ވަނަ އަހަރު އެންމެ ގިނައިން މީހުން ދަތުރުކޮށްފައިވަނީ އޮކްޓޫބަރު މަހާއި ނޮވެމްބަރު އަދި ޑިސެމްބަރު މަހު އެވެ. މި ތިން މަހު މި އެއާޕޯޓަށް ދަތުރުކޮށްފައިވަނީ 744 މީހުންނެވެ. އަދި މި އެއާޕޯޓުން އެންމެ ގިނަ މީހުން ފުރާފައިވަނީ ސެމްޓެމްބަރު މަހު އެވެ. އެއީ 729 މީހުންނެވެ.