ޓޫރިޒަމް ދާއިރާ އިން ތަމްރީން ދޭނެ ހާއްސަ ވަސީލަތްތަކާއެކު، ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ދަރަވަންދޫ ސްކޫލުގައި ގާއިމްކޮށްފި އެވެ.
އެޑިއުކޭޝަން ސިޔާސަތުގައި ހިމެނޭ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތު" ގެ ދަށުން ގާއިމްކުރި މި ހޮސްޕިޓާލިޓީ ލެބް ގާއިމް ކުރަން އެހީތެރިވެ ދެއްވީ ދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ ރެއިނޯލްޑް ޖޮހާން އެވެ.
ދަރަވަންދޫ ސްކޫލުގައި ގާއިމްކުރި ބީޓެކް ހޮސްޕިޓާލިޓީ ލެބުގައި ރިސޯޓަކަށް ބޭނުން ވާނެ ތަމްރީން ދޭނެ ހުރިހާ ވަސީލަތްތަކެއް ވަނީ ގާއިމް ކޮށްފަ އެވެ.
މި ލެބް ގާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސް އިންނެވެ. އެ ބޭފުޅުން މިކަމަށް ފަންޑް ގޮތުގައި -/5700 ޑޮލަރު ދެއްވައި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި ފޯރުކޮށްދެއްވާފައިވެ އެވެ. މި ލެބަށް ބޭނުންވާ އޭ.ސީ އަދި ކޮމްޕިއުޓަރ ސިސްޓަމްސް ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. އަދި މިތަން ހެދުމުގައި އިތުރު އެހެނިހެން ހަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީޓީއޭ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގަ އެވެ.
މި ރަސްމިއްޔާތުގައި ބ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާސިހް ވަނީ މި ލެބް ގާއިމް ކުރުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި މިފަދަ ކުރިއެރުންތައް މުސްތަގުބަލުގައި ވެސް ހޯދުމުގެ އަޒުމުގައި ތިބިކަން އޭނާ ފާހަގަ ކުރި އެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓާ ޒޫޝާން ކަމާލުއްދީން ވިދާޅުވީ ބ އަތޮޅު ސްކޫލުން މި ފެށުނު ޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލް ތަކުން ވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭ ފަދަ އަގުހުރި މަސައްކަތެއް ކަމުގަ އެވެ. ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ދެކެވެމުންއައި ދެކެވުން މިހާރު ބަދަލުވެފައިވާ ކަމަށާއި، ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވިދާޅުވިއެވެ. އަދި މިލެބްގެ ސަބަބުން ދަރިވަރުންގެ ކުރިއެރުމަށް އިތުރު އާރޯ ކަމެއް އަންނާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޒޫޝާން ވިދާޅުވި އެވެ.
ރާއްޖޭގެ ސްކޫލްތަކުން މިހާރު ހިންގަމުންދާ އިނގިރޭސި ވިލާތުގެ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް ބީޓެކް މި މާއްދާއިން ދަރިވަރުން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ބީޓެކް ދަރިވަރުން ފުރަތަމަ ފަހަރަށް ސާނަވީ އިމްތިހާން ނިންމާ އިމްތިހާންތަކުން ރާއްޖޭގެ ނިސްބަތުން އެންމެ މަތީ 10 ވަނައިގައި މި އަހަރު ވަނީ ހިމެނި ފައެވެ.