ވިޔަފާރި

މަންޓާ އެއާ ހިތްގައިމުވެފައި އަރާމު

ދަރަވަންދޫ އިން: މުހައްމަދު އަފްރާހު
Apr 12, 2019
7

އެންމަޑި ނުވަތަ "މަންޓާ" އަކީ ރަހުމަތްތެރި އެއްޗެކެވެ. އެހެން މަސްތަކާ ގުޅިގެން އުޅޭ ނުރައްކަލެއް ނެތް އެއްޗެކެވެ. ހާއްސަކޮށް އިންސާނުންނާއި ހާއްސަ ގުޅުމެއް އޮންނަ ފްރެންޑްލީ އެއްޗެކެކެވެ. އަމިއްލަ ޒާތުގައި އޭގައި އަށަގެންފައިވާ އެންމެ މުހިންމު އެއް އާދައަކީ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެ ޒިޔާރަތް ކުރާ ތަނަކަށް ސުންގަޑި ސުން ސިކުންތަށް އައިސް ގޮސްވުމެވެ. އޭތި އެތަނަށް އޮޅުވެއްޖެ ނަމަ ކޮންމެ ދުވަހަކު އެތަނަށް ދާނެވެ. ގަޑި އަށް އައުމާއި ދާނެކަމުގެ ސަތޭކަ ޕަސެންޓް ޔަގީންކަން ލިބޭނެ އެވެ. ރާއްޖޭގައި އެންމެ ފަހުން ދަތުރު ފެށި "މަންޓާ އެއާ" ބްރޭންޑިން ކޮށްފައިވަނީ އެންމަޑީގެ މި ބިހޭވިއާ އަސްލަކަށް ބަލައިގެން ކަމަށްވެ އެވެ.--- މި އެއާލައިން ހިދުމަތަށް ނުކުތުމުގެ އަސްލަކީ ފުރިހަމަ ހިދުމަތެއް ދިނުމެވެ. މި އަޒުމުގައި މަންޓާ އެއާ މިވަނީ ރާއްޖޭގައި އެންމަޑި އެންމެ ގިނަ އިން ފެންނަ ބ. އަތޮޅު ބަޔޮސް ފިޔާ ރިޒާވްއާ އެންމެ ކައިރި މަންޒިލަށް ދަތުރު ފަށާފަ އެވެ. މި އެއާލައިންގެ ފުރަތަމަ ފްލައިޓް ބުރާސްފަތި ދުވަހު އެ ވަނީ ބ. ދަރަވަންދޫ އެއާޕޯޓުގައި ޖައްސާފަ އެވެ.

މަންޓާގެ ހާއްސަ ކަމަކީ، ތަފާތަކީ ކޮބައި ހެއްޔެވެ؟ ދަރަވަންދޫ ފްލައިޓް ފުރަން އޮތީ ބުރާސްފަތި ދުވަހު ހެނދުނު 11.15 ގަ އެވެ. ބޯޓަށް އަރަން ގޮވާލުމާއެކު ފްލައިޓުގެ ތެރެ އަށް ވަނުމާއިރު ފުރަތަމަ އިހުސާސްވީ މި ދަތުރުގެ ހާއްސަ ކަމެކެވެ. ތަފާތު ކަމެވެ. މި އެއާލައިންއިން ބުނި ތަފާތެވެ. މިކަން ފުރަތަމަ ފާހަގަ ކުރީ ކައިރި ގޮނޑީގައި އިން މީޑިއާގެ
އަނެއް ރަހުމަތްތެރިޔާ އެވެ.

"މި ފްލައިޓުން ހާދަ އަލޭ؟ ... މިއީ އަދި މުޅިން އާ ފްލައިޓެއް ދޯ؟" ޖެހިގެން އިން ރަހުމަތްތެރިޔާ އަހަރެންނަށް ދޯ މެދުން ބުންޏެވެ.

ފްލައިޓުގެ ޝީޓުގައި ބުރަކަށި ޖައްސާލައި ރަނގަޅަށް ގުދާރު ތެދުކޮށްލައި ހަމަޖެހިލައިގެން ފައި ދަމާލީމެވެ. ފްލައިޓުގެ އެންމެ ހާއްސަ އެއް ކަމަކީ މި އެވެ. "އޭޓީއާރު" މަރުކާރުގެ މި ރޭންޖުގެ ފްލައިޓުތައް ފަރުމާކޮށްފައި ހުންނަނީ ސްޕޭޝަސް ކޮށެވެ. ގޮނޑީގައި އިންނަ މީހާ އަށް ފަސޭހަކަމާއެކު އިށީނދެގެން އިނދެލެވޭނެ ފަސޭހަ މާހައުލެއް ގެނައުމާއެކުގަ އެވެ. މި ގޮނޑި އެހާ އަރާމުވާ އެއް ސަބަބަކީ މި އެވެ. ބޯޓުގެ އިންޓީރިއާ ފަރުމާކޮށްފައިވާ ގޮތުން އެތެރޭގެ ޖާގަ ބޮޑުވުމެކެވެ. ހަމަ ޖެހިލިތަނާ ކުރިމަތީގިން ގޮނޑިބަރިން ހާއްސަ ކަމެއް ފާހަގަވި އެވެ. އެއީ މި ފްލައިޓުގެ ހާއްސަ ކްލާހެކެވެ. މަންޓާ އަށް އަރާ ކޮންމެ ކަސްޓަމަރަށްވެސް ލިބޭނީ ވީއައިޕީ ހިދުމަތެކެވެ. އެއީ ހުސް ވީއައިޕީ ކަސްޓަމަރުންނެވެ. ނަމަވެސް މި ޝީޓުގެ ޖާގަ ކުޑަ ތަންކޮޅެއް ތަނަވަސްވުމާއި އިން-ފްލައިޓް ކޭޓަރިން ދޭ ގޮތް މުޅިން ތަފާތުވުމެވެ. މި ޝީޓުތަކުގައި ތިބޭ މެހުމާނުންގެ ކޭޓަރިން ދިނުމަށް ހާއްސަ މެނޫއެއް ހުރެ އެވެ.

ފެހި އާފަލެއް- މި ވެސް ތަފާތެއް!

ފްލައިޓަށް ފުރަތަމަ މަރުހަބާ ކިޔަނީ ޗޮކްލެޓަކާއި ފިނި ޓިޝޫ އަކުންނެވެ. އެހެންވެ ތަޖުރިބާއަށް ބަލާއިރު 25 މިނެޓުގެ ކުރު ދަތުރަކަށް މިވަރު ރަނގަޅޭ، މިއީ ފުދޭ މިންވަރޭ ހިތަށް އަރައި ހުރީ އެވެ. އެކަމަކު ފްލައިޓު މައްޗަށް ނަގައި ބޯޓު ކަމަރުގެ ނިޝާން ޕައިލެޓް ނިއްވާލުމާއެކު ހިނިތުންވުމާއެކު ކެބިން ކްރޫ ތަފާތެއް ދައްކައިފި އެވެ. މިއީ މަންޓާ އެއާގެ ހާއްސަ އެއް ކަމެކެވެ. އިން- ފްލައިޓް ކޭޓަރިންގެ ގޮތުގައި ކަރު ތެންމާލަން ދޭ ފިނި ފެންތައްޓާއި ޖޫސް ތައްޓެއްގެ އިތުރުން ދެން ދެނީ ފެހި އާފަލެކެވެ. މިއީ މި އެއާލައިންގެ ހާއްސަ ކަމެކެވެ. ސުވާލަކީ ފެހި އާފަލެއް ދެނީ ކީއްވެގެން ހެއްޔެވެ ؟

"ފެހި އާފަލެއް ދޭން ނިންމީ ކަސްޓަމަރުންގެ ހިޔާލަށް ބަލާފަ. ބޭނުންވަނީ ފުރުޓެއް ދޭން. ގިނަ ބަޔަކު ބޭނުންވީ ގްރީން އެޕަލް. މިހާރު ގްރީން އެޕަލް ދިނަސް ކަސްޓަމަރުންގެ ހިޔާލު ބަލައި ބަދަލު އައުން އެކަށީގެންވޭ. މިއީ އަޅުގަނޑުމެން ސިލެކްޓް ކުރި އެއްޗަކަށް ވުރެ ބޮޑަށް ކަސްމަރުންގެ ޗޮއިސް އެއް،" ދަރަވަންދޫ އެއާޕޯޓުގައި ހުރެ ވާހަކަ ދައްކަވަމުން، މަންޓާ އެއާގެ ހެޑް އޮފް މާކެޓިން އަހުމަދު މައުމޫން ވިދާޅުވި އެވެ.

ދުރާލާ ޓިކެޓު ނެގުމުން ހެޮޔޮވޭ

މި ފްލައިޓުގެ ހާއްސަ ކަމަކީ ދުރާލާ ދަތުރު ޝެޑިއުލްކޮށްލައި ބޭނުންވާ ގޮނޑު ބުކް ކޮށްލުމުގެ ފުރުސަތު ލިބުމެވެ، އަދި ދުރާލާ ޓިކެޓު ނެގުމުން ވަރަށް ބޮޑުތަން ހެޔޮވެ އެވެ. މަންޓާ އެއާއިން ބ. ދަރަވަންދު އަށް ފެށި މި ދަތުރުތައް މި މަހުގެ 18 ގެ ފަހުން ދުވާލަކު ތިން ދަތުރު އޮންނާނެއެވެ.

މަންޓާގެ މާކެޓިން ހެޑް މައުމޫން ވިދާޅުވި ގޮތުގައި މި ފްލައިޓުގައި ސަފާޔާ ކްލާހާއި ކޮމްފޯޓު ކްލާސް ހިމެނޭނެ ކަމަށެވެ.

މަންޓާ އެއާ އިން ވަނީ ދަރަވަންދު އަށް ހާއްސަ އަގު ތަކެއް ތައާރަފުކޮށްފަ އެވެ. އެގޮތުން، 499ރ. އަށް ކޮޅަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބެ އެވެ. މި ދަތުރުގައި ކުޑަކުއްޖަކަށް ނަގާނީ 249ރ. އެވެ. އަދި ދުރާލާ އެޑްވާންސްކޮށް ޓިކެޓު ބުކް ކުރާ ނަމަ 549ރ. އަށް ވެސް ލިބޭނެ އެވެ. މި އަގުގައި ޓިކެޓު ލިބޭނީ މި މަހުގެ 18 ން އަންނަ މަހުގެ ނިޔަލަށެވެ.

މަންޓާ އެއާގެ ފްލައިޓް އޮޕަރޭޝަންސް ހެޑް ހަސަން ހަނީފު (ކެޕްޓަން ހަނީފު) ވިދާޅުވި ގޮތުގައި މަންޓާ އެއާގެ މަތިންދާބޯޓުތަން 35 ކިލޯއާ ހަމައަށް ތަކެތި އުފުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮންމެއަކަސް އާ އެއާލައިން އިން މިވަނީ އުންމީދު އާވެފަ އެވެ. އުންމީދަކީ އަލަށް ފެށި ހިދުމަތްތައް ދެމެހެއްޓިގެން ދިއުމެވެ. މި އަޒުމުގައި މަންޓާ އެއާގެ ހިތްގައިމު އުދުހުންތައް މިވަނީ ދަރަވަންދޫ އަށް ވެސް ފަށާފަ އެވެ. މި ފްލައިޓް
އަރާމުވެފައި ހިތްހަމަ ޖެހެ އެވެ.