މަންތާ އެއާ

ރާއްޖޭގައި މުޅިން އާ ޑޮމެސްޓިކް އެއާލައިނެއް އުފައްދަނީ

ރާއްޖޭގައި މުޅިން އާ ޑޮމެސްޓިކް އެއާލައިނެއް އުފެއްދުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މިހާރު ރާއްޖޭގެ އެތެރޭގެ އުދުހުންތައް ކުރަނީ، ގައުމީ އެއާލައިން މޯލްޑިވިއަން އާއި ފްލައިމީ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މުޅިންއާ ޑޮމެސްޓިކް އެއާލައިނެއް ރާއްޖޭގައި ފެށުމުގެ ހުއްދައަށް އެދި އެ ޑިޕާޓްމަންޓަށް މިހާރު ހުށަހަޅާފައިވާ ކަމަށާއި އެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. މީގެ އިތުރަށް އިންޓަނޭޝަނަލް އެއާލައިނަކުން ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށުމަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އެ ހުށަހެޅުން ވެސް ދިރާސާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މުޅިންއާ ޑޮމެސްޓިކް އެއާލައިނެއް އުފެއްދުމުގެ ހުއްދައަށް އެދިފައި ވަނީ ޔުނިވާސަލް ގްރޫޕްގެ އެއް ހިއްސާދާރު ސަންޖޭ އިބްރާހިމް މަނިކު އިސްވެ ހުންވައިގެން އެވެ. ދާދި ފަހުން، ކުޑަހުވަދޫގައި ހުޅުވި "ދ އެއާޕޯޓަކީ" އޭނާގެ އިންވެސްޓްމަންޓެކެވެ.

އަލަށް އުފައްދާ އެއާލައިންގެ ނަމަކީ "މަންޓާ އެއާލައިން" ކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި މަންޓާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި މިހާރު ވަނީ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ. މަންޓާ އެއާގެ ނަމުގައި ވަނީ، ޓްރޭޓް މާކް އެއްވެސް މިހާރު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި މަންޓާ އެއާގެ ދަތުރުތައް ފަށާނީ އޭޓީއާރު މަރުކާގެ، 50-100 ގޮޑިއާ ދެމެދުގެ ތިން ބޯޓާ އެކު އެވެ. އަދި އެ އެއާލައިނުން އެންމެ ފުރަތަމަ ދަތުރު ފަށާނީ ދ އެއާޕޯޓަށް ކަމަށް ވެސް ވަނީ އެނގިފަ އެވެ. އަދި އެ އެއާލައިން އުފެއްދުމަށް ސަރުކާރުން ނޯ އޮބްޖެކްޝަން ލެޓާ ލިބިފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ. އެއާލައިން ގާއިމްކުރުމަށް ތައްޔާރީތައް ވުމަށް އޮފީސް ގާއިމްކޮށް އިދާރީ މަސައްކަތްތައް ފަށާފައިވާކަން ވެސް ވަނީ އެނގިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އާ ޓޮމެސްޓިކް އެއާލައިންނެއް އުފެއްދުމަށް ހުއްދަ ދިނުމުގެ ކުރިން، ވަރަށް ދިގު ޕްރޮސެސްއެއް ހިނގާނެ ކަމަށެވެ. އަދި އެގޮތުން ފީސިބިލިޓީ ހުށަހަޅަން މިހާރު ހުއްދަ ދީފައިވާ ކަމަށާއި އެ ސްޓަޑީޒް ހުށަހެޅުމުން ރަސްމީކޮށް އެ ފަރާތަށް ހުއްދަ ދޫކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.