ޑޮމެސްޓިކް އެއާޕޯޓް

ޑޮމެސްޓިކް އެއާޕޯޓް އަޅަން ފައިސާއެއް ހަމައެއް ނުޖެހޭ

Jun 15, 2022

ޑޮމެސްޓިކް އެއާޕޯޓުތަކެއް އަޅަން މަސައްކަތް ކުރިނަމަވެސް، އެކަމަށް ފައިސާ ހަމަޖެހިފައި ނުވާ ކަމަށާ ނަަމަވެސް ފައިސާ ހުރިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހަ ޑޮމެސްޓިކް އެއާޕޯޓެއް އަޅަން "ކްރޮސް ސަބްސިޑީ އުސޫލުން" ހުޅުވާލާފަ އެވެ. ނަމަވެސް މިހާތަނަށް މީގެ އެއްވެސް އެއާޕޯޓެއްގެ މަސައްކަތަށް ބޭނުންވާ ފައިނޭންސް ހަމަޖެހިފައި އޮތް ކަމަށް ސަރުކާރަކުން ނުބުނެ އެވެ.

ބޮޑު މި މަޝްރޫއާ ބެހޭ ގޮތުން ރައްޔިތުން މަޖިލީހުގައި ޖަވާބު ދެއްވަމުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެއާޕޯޓް އަޅަން ފައިސާ ހަމަނުޖެހޭ ކަމަށާ ނަމަވެސް ލާރި ހުރިކަމަށް ބައެއް ފަރާތް ތަކުން ބުނެފައިވާ ކަމަށެވެ.

"ލާރި ދޭން- ލާރި ހުރިކަމަށް ޕްރޫފާ ފައިނޭންސް ހުރިތޯ ބަލައި ޗެކްކޮށްފައި ހުރި ޕާޓީސްތަކެއް އެބަހުރި. އެގޮތަށް ޗެކްކޮށްފައި ހުރި އަދަދު އެބަހުރި 30 މިލިއަން ޑޮލަރުން މަތީގަ. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ގެންދަނީ އެ ފަރާތްތަކާއެކީގައި މެމޮރަންޑަމް އޮފް އަންޑަސްޓޭޑިންއަކަށް ދިއުމަށް،" އަސްލަމް ވިދާޅުވި އެވެ.

"ސާޅީސް ފަސް ދުވަހުގެ ތެރޭގައި ބުނާ އަދަދަށް ފައިސާ ދޭން އެއްބަސްވާ އެއްބަސްވުމަކަށް. އެކަން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ގާނޫނީ ކަންކަންކަމެއް ހުރޭ އެކަން ކުރަމުން މި ގެންދަނީ."

ސަރުކާރުން މީގެކުރިން ވަނީ "ކްރޮސް ސަބްސިޑީ އުސޫލުން" އެއާޕޯޓްތަކެއް ތަރައްގީކޮށްދޭ ގޮތަށް ރިސޯޓް ހަދަން ރަށްތަކެއް ދޭން ނިންމާފަ އެވެ. އަދި ފަހުން ވަނީ އެއާޕޯޓް ތަރައްގީ ކުރަން އިއުލާނު ކުރި އަގުތައް ދަށްކޮށްފަ އެވެ.

އެއާޕޯޓް އަޅަން އިއުލާނު ކުރި ރަަށްތައް

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ށ. ބިލަތްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) - 23.6 މިލިއަން ޑޮލަރު

އެއާޕޯޓްތައް އަޅައިދޭނެ ބަޔަކު ހޯދަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. އޭރުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ އެވެ.

މި މޮޑެލްގެ ދަށުން ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު -- އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ- ބިޑަކާ ނުލައި މަޝްރޫއުދޭ އުސޫލުން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ.

މި ސަރުކާރުން މިހާރު ވެސް ގެންދަނީ މ. މުލި އަދި ގދ. ފަރެސްމާތޮޑާގައި ޑޮމެސްޓިކް އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.