ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އާ ދައުރުގެ ޖަލްސާތައް ފަށައިފި

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށައިފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމަށް ބޭއްވި ޖަލްސާ ބޭއްވީ އިއްޔެ އެވެ. އެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ ރިޔާސީ ބަޔާން އިއްވެވި އެވެ. ރައީސްގެ ރިޔާސީ ބަޔާން އެމަނިކުފާނު އިއްވަމުން ގެންދެވި ވަގުތުގައި، އިދިކޮޅު މެންބަރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ހިމޭން އިހްތިޖާޖެއް ކޮށްފަ އެވެ.

މަޖިލީހުގެ އާ ދައުރުގެ ދެވަނަ ޖަލްސާ މިހާރު ވަނީ ފަށައިފަ އެވެ. މިއަދުގެ ޖަލްސާގައި ވަނީ ހަތަރު ބިލަކާއި ގަރަރާއްގެ ފުރަތަމަ ކިއުން އިއްވާފަ އެވެ. އޭގެ ތެރެއިން ތިން ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުތަކެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވާ ބިލުތަކުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ފުލުހުންގެ ހިދުމަތުގެ ބިލާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް ހުށަހެޅުއްވި ނަފްސާނީ ހިދުމަތުގެ ބިލު ހިމެނެ އެވެ.

ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ވެސް ހިމެނެ އެވެ. ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޖީހާން މަހްމޫދު ވެސް ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހެއް ގެނައުމުގެ ބިލެއް ހުށަހަޅާފަ އެވެ. އެއީ އޭނާ އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލެކެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ، ރާއްޖޭގެ ކަނޑުތަކުގައި އުޅޭ ނުރައްކާތެރި މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށް ލިބޭ ގެއްލުންތަކާއި އަނިޔާތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގަރާރެއްގެ ފުރަތަމަ ކިއުން ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިއުން އިއްވާފައިވެ އެވެ.

މީގެ އިތުރުން މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގައި މަސައްކަތް ފަށާފައިވާ ބިލުތަކާއި ގަރާރުތަކެއްގެ އިބްތިދާއީ ބަހުސްގެ މަރުހަލާ ވެސް މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވެ އެވެ. އަދި ކޮމިޓީތަކުން ދިރާސާކޮށް ތަޅުމަށް ފޮނުވާފައިވާ ބިލުތަކާއި ގަރާރުތަކުގެ ރިޕޯޓްތައް ވެސް މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވެ އެވެ.