ހަބަރު

ކެންސަރު ކޮންޓްރޯލް ކުރަން ގައުމީ ޕްލޭނެއް

ރާއްޖޭގައި ކެންސަރު ކޮންޓްރޯލް ކުރަން ގައުމީ ފެންވަރުގައި ޕްލޭނެއްގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަކީ މިއަދެވެ. މި އަހަރަށް ކަނޑަ އަޅާފައިވާ ޝިއާރަކީ "I am and I will" އެވެ.

ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގައި ކެންސަރުޖެހޭ މީހުންގެ އަދަދު މަދުކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއެކު މަސައްކަތްތަކެއް މިހާރު ކުރަމުންދާ ކަމަށެެވެ.

އެގޮތުން، ދުންފަތް ކޮންޓްރޯލްކުރުމަށް ކުރެވޭ އެކި މަސައްކަތްތަކާއި ކެންސަރު ބަލި ކޮންޓްރޯލް ކުރުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަށް "ނެޝަނަލް ކެންސަ ކޮންޓްރޯލް ޕްލޭން" މި އަހަރު އެކުލަވާލަމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ކެންސަރު ބަލީގެ ސްކްރީނިން ޕްރޮގްރާމްތައް ރާއްޖޭގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޕްރޮގްރާމްތައް ހިންގާ އިރު ކެންސަރު ބަލީގެ ގައުމީ ދަފުތަރެއް އެކުލަވާލާފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.

މި ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެ އެވެ. 2018 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓުގައި ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން 84 ޕަސެންޓް މީހުން މަރުވާއިރު މީގެތެރެއިން 17 ޕަސެންޓް މީހުންނަކީ ކެންސަރު ބަލީގެ ސަބަބުން މަރުވާ މީހުން ކަމަށެވެ.

2016 ވަނަ އަހަރުގެ އާސަންދައާއި އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އެންމެ އާންމުކޮށް ޖެހެނީ އަނގައިގެ ކެންސަރެވެ.