ރައްޔިތުންގެ މަޖިލިސް

ގުޅިފަޅުން ބިން ގަތް މީހުނަށް ގެދޮރު ދޭން ގޮވާލާ ގަރާރު ފާސްކޮށްފި

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ހިންގި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެ އިން ބޮން ދޫކޮށްލި މީހުނަށާއި ގުޅިފަލޫން ބިން ގަނެފައިވާ މީހުންގެ ތެރެއިން ބައެއް މީހުނަށް މިހާތަނަށް ވެސް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެ ކަން ހަމަޖައްސައިދިނުމަށް ގޮވާލާ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ 66 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސް ނުކުރަން އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މީގެ އިތުރުން ގޯތިގެދޮރު ނެތް މީހުނަށާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ މީހުނަށް ގޯތި ދެވޭ ވަރުގެ ޖާގަ އޮތް ރަށްރަށުން ބޯހިޔާވަހިކަން ހަމަޖައްސައިދިނުމަށް ގޮވާލައި ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި ގަރާރު ވެސް ވަނީ މިއަދުގެ ޖަލްސާގައި ފާސްކޮށްފަ އެވެ. އެ ގަރާރު ފާސްކުރީ 69 މެންބަރުންގެ ވޯޓުންނެވެ.

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ބިން ދޫކޮށްލަން ސަރުކާރާއެކު އެއްބަސްވެފައިވާ މީހުނަށް ހުޅުމާލެއިން ބިމެއް ނުވަތަ ފްލެޓެއް ލިބޭނެ ކަން ބަޔާންކޮށް އެމްޑީޕީގެ އޭރުގެ ސަރުކާރުން އެ މީހުންނަށް ލިޔުމެއް ދޫކޮށްފައިވިޔަސް، އެ ގޮތަށް ބިން ނުވަތަ ފްލެޓެއް ހައްގުވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ބޯހިޔާވަހިކަމެއް ލިބިފައެއް ނުވެ އެވެ.

ގުޅިފަޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭރުގެ ކުންފުންޏެއް ކަމަށްވާ ގްލޯބަލް ޑިވެލޮޕްމަންް ފަންޑް (ޖީޑީޕީ) އާ ހަވާލުކޮށްގެން ހިއްކި ރަށެކެވެ. އެ ފަޅު ހިއްކުމަށްފަހު، އެއީ މީހުން ދިރިއުޅޭ ރަށަކަށް ހަމަޖައްސަން އޭރުގެ ސަރުކާރުން ހަމަޖެއްސި އެވެ. އަދި ފްލެޓް އަޅަން ޖީޑީޕީން އެތައް ބައެއްގެ އަތުން ފައިސާ ވެސް ނެގި އެވެ.

އެކަމަކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ޖީޑީޕީގެ އަތުން އެ ރަށް އަތުލައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގުޅިފަޅު އިންވެސްޓްމަންޓާ ހަވާލުކޮށްފަ އެވެ. އަދި ގުޅީފަޅަކީ އިންސާނުން ދިރިއުޅެން ހެޔޮވާވަރުގެ ތަނެއް ނޫން ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ.

ގުޅީފަޅުން ބިން ގަތް ބައެއް މީހުނަށް އެހެން މަޝްރޫއުތަކުގެ ތެރެއިން އިމާރާތްކޮށްފައިވާ ފްލެޓްތައް ދިން ނަމަވެސް އަދިވެސް އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ މާލެ ސަރަހައްދުގައި ކުދިކުދި ކޮޓަރިތަކުގައި ވަރަށް ހާލުގަ އެވެ. އެއް ބަޔަކު އެފަދަ ތަންތަނުގައި އުޅެނީ ކުއްޔަށެވެ. އެ ހާލުގައި އެ ބަޔަކު އުޅޭތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ހުޅުމާލޭން އެންމެ އަވަހަށް ދެން ފްލެޓް ހަވާލު ކުރާއިރުގައި، ގުޅިފަޅުން ބިން ގަތް މީހުނަށް ފްލެޓް ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ހައްގުވެރިންނަށް މި އަހަރު ފްލެޓްތައް ހަވާލު ކުރާނެ ކަމަށް ރައީސް ވަނީ އިއްޔެ ވިދާޅުވެފަ އެވެ.