ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ޖަވާބު ނުދިނުމުން ފުލުހަށް ފޮނުވަން ނިންމައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އަށް ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލަ ފުލުހަށް ފޮނުވަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނޫމަޑިން ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަތަކާ ގުޅިގެން އެ އެއްބަސްވުން އުވާލިއިރު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި މުއިއްޒު ވަނީ އެ އާބިޓްރޭޝަނަށް ވަނީ ބަޔާން ދެއްވައިފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ މައްސަލަ ބަލައި އެކުލަވާލި ރިޕޯޓް މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. މާލިއްޔަތު ކޮމިޓީގައި ޑރ. މުއިއްޒު އިތުރުފުޅު ހެއްދެވި ކަމަށް ބުނާ މައްސަލަ ބަލަން ފުލުހަށް މަޖިލީހުގެ ފަރާތުން ފޮނުވުމަށް ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީގައި މުއިއްޒު ދޮގު ހެއްދެވި ކަމަށް ބުނާ މައްސަލަ ބަލަން ފުލުހަށް ފޮނުވަން މަޖިލީހުން ފާސްކުރިއިރު، އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް މުއިއްޒު ވާދަކުރައްވާނެ ކަމަށް އޭނާ ނިސްބަތްވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޑރ. މުއިއްޒު ހާޒިރުކޮށް، ކޮމިޓީގެ މެންބަރުން ވަނީ އާބިޓްރޭޝަނަށް މުއިއްޒު ބަޔާން ދެއްވީ ދައުލަތުން ނުވަތަ ނޫމަޑިން ހުށަހަޅައިގެންތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލަކަށް މުއިއްޒު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ އާބިޓްރޭޝަނަށް ބަޔާން ދެއްވީ އޭނާގެ މައްޗަށް ތުހުމަތުކޮށް މިނިސްޓްރީގެ ބޭފުޅަކު ދޮގު ބަޔާނެއް ދެއްވާފައިވާތީ އެވެ.
ޑރ. މުއިއްޒު ބަޔާންތައް ހުށަހެޅުއްވީ ކޮން ބަޔަކަށް ނުވަތަ މީހަކަށްތޯ ވެސް މެންބަރުން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، "ބަޔާންތައް ހަވާލު ކުރީ ކޮން ނަމެއް ކިޔާ ކޮން ބޭފުޅެއް ކަން ނޭނގޭ" ކަމަށެވެ.

ކޮމިޓީން މި މައްސަލާގައި ދެ ކަމެއް ކުރުމަށް ނިންމި އެވެ. ފުރަތަމަ ކަމަކީ، ކޮމިޓީގެ މެންބަރުން ބައެއް ސުވާލުތަކަށް މުއިއްޒު ސީދާ ޖަވާބެއް ދެއްވާފައި ނުވާތީ، އޭނާ ދޮގު ހެއްދެވި ކަމަށް ބަލައި ފުލުހަށް މައްސަލަ ފޮނުވުމަށެވެ. ދެވަނަ ކަމަކީ، އެ މައްސަލާގައި އިހުމާލުވެ، ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދަން މަސައްކަތް ކުރި މީހުންގެ މައްސަލަތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވުމަށެވެ.

ރައީސް އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީ އާއި ނޫމަޑިއާ މަޝްވަރާ ކުރުމަށް ފަހު، އެ ކޮމިޓީން ރައީސަށް ދިން ލަފާގެ މަތިން ސަރުކާރުން ވަނީ ނޫމަޑިއަށް ފުލް އެންޑް ފައިނަލް ސެޓަލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދައްކައިފަ އެވެ. އެ ގޮތަށް ބަދަލު ދޭން ސަރުކާރާއެކު ނޫމަޑިން އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގަ އެވެ.