ހަބަރު

އެމްއެފްއެލްސީއިން ލޯނު ދޫކުރަން ފަށައިފި

"ފަސޭހަ ލޯން" އަދި "ފަހި ލޯން" ގެ ނަމުގައި ލޯން ސްކީމެއް މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އިން ތައާރަފް ކޮށްފި އެވެ.

މި ސްކީމް ތައާރަފް ކޮށްދެއްވީ މިދިޔަ އާދިއްތަ ދުވަހު އެމްއެފްއެލްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކުންފުނީގެ ޑިރެކްޓަރު އާދަމް ސަލީމް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ސަލީމް ވިދާޅުވީ ފަސޭހަ ލޯން އަދި ފަހި ލޯންއަކީ އެމްއެފްއެލްސީގެ ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން ކަމުގަ އެވެ. އަދި މިހިދުމަތް ތައާރަފްކުރެވުމުން ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި އެމްއެފްއެލްސީ ފަހި ލޯން މެދުވެރިކޮށް ރަހުނަކާއިއެކު، އެއް ލައްކައިން މަތިން، ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ލޯނު ނެގޭނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފަސޭހަ ލޯން އިން އެއްލައްކަ ރުފިޔާއާއި ހަމައަށް ގެރެންޓާ އަކާއި ނުލާ ލޯނު ނެގޭނެ. އަދި 24 ގަޑިއިރުތެރޭ ލޯނު ނަންގަވާ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެ. ލޯނުގެ ހިދުމަތަކީ އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންގެ ވަރަށް ދިގު އިންތިޒާރެއްގެ ނިމުން." އޭނާ ވިދާޅުވި އެވެ.

އެމްއެފްއެލްސީއިން ބުނީ ފަސޭހަ ލޯން ނަގާ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ކަމަށާއި އެގޮތުން ފޯނު ނަގާ ކޮންމެ ކަސްޓަމަރަކަށް އެކުންފުނީގެ ސޮލަރެލް އިންޝުއަރެންސް މެދުވެރިކޮށް އެއް ލައްކަ ރުފިޔާގެ ޕާސަނަލް އެކްސިޑެންޓް ކަވާ ޕޮލިސީއެއް ދެވޭނެ ކަމަށެވެ. އަދި މިޕޮލިސީ ކަސްޓަމަރަށް ލިބިގެންދަނީ މުޅިން ހިލޭކަމަށްވެސް އެކުންފުނިން ބުނެ އެވެ.

އެމްއެފްއެލްސީއިން ތައާރަފް ކޮށްފައިވާ ފަހި ޕާސަނަލް ލޯނުން އަމިއްލަ ބޭނުންތަކަށް އެއްލައްކަ ރުފިޔާ އާއި 1.5 މިލިއަން ރުފިޔާ އާއި ހަމައަށް ރަހުނަކާއި އެކު ފައިސާ ނެންގޭނެ އެވެ. އަދި ލިބޭ އާމްދަނީއެއްގެ ނިސްބަތުން މި ލޯން މެދުވެރިކޮށް ކިޔެވުމަށާއި، ބޭސްފަރުވާއަށް، އަދި އެހެނިހެން އަމިއްލަ ބޭނުންތަކަށްވެސް ލޯން ނެގޭނެ ކަމަށް އެމްއެފްއެލްސީއިން ބުނެ އެވެ. އެގޮތުން، އަމިއްލަ އިމާރާތަކުން ކުލީގެ ގޮތުގައި ފައިސާ ލިބޭ ފަރާތްތަކަށާއި، އަދި ދެމެހެއްޓެނިވި ގޮތުގައި އެހެނިހެން އާމްދަނީ ލިބިލައްވާ ފަރާތްތަކަށްވެސް، ރަހުނަކާއި އެކު މި ލޯން ނެގޭނެ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ފަހި ބިޒްނަސް ލޯން މެދުވެރިކޮށް އަމިއްލަ ފަރުދުންގެ ވިޔަފާރިއަށާއި، ވިޔަފާރިކުރާ ކުންފުނި ތަކަށާއި އަދި އެހެނިހެން ވިޔަފާރިތަކަށްވެސް ދެ ލައްކަ ރުފިޔާއިން މަތީގެ އަދަދުތަކުން ރަހުނަކާއި އެކު ލޯން ނެގޭނެއެވެ. އަދި ވިޔަފާރިކުރާތާ ދެ އަހަރު ވެފައިވާ ވިޔަފާރިއަކަށްވުމާއި އެކު ވިޔަފާރީގެ ފައިދާއިން ލޯން އަނބުރާދެއްކޭނެ ފަރާތްތަކަށް، ވިޔަފާރި ފުޅާކުރުމަށާއި، ވިޔަފާރިއަށް ބޭނުންވާ ހަރު މުދާ ގަތުމަށާއި އަދި ވިޔަފާރި ހިންގުމަށް ބޭނުންވާ ވާކިން ކެޕިޓަލް އަށް، އަދި އެހެނިހެން ކަންކަމަށްވެސް މި ލޯން ނެގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއެފްއެލްސީ އަކީ އާންމުންނަށާއި ވިޔަފާރިތަކަށްވެސް ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ އިތުރުން ހަރު މުދާވެސް ލީސް ކޮށްދޭ ކުންފުންޏެކެވެ. އަދި މީގެ އިތުރުން އެކުންފުނިން ގެދޮރު މަރާތު ކުރުމާއި އިމާރާތް ކުރުމާއި އެޕާޓްމަންޓް ގަތުމަށާއި އަދި ޕްރެޖެކްޓް ލޯނު ވެސް ދޫކުރެެ އެވެ.