އިމްރާން އަބްދުﷲ

އިމްރާންގެ އިންޒާރު: ހަމަނުޖެހުމަށް ފުރުސަތެއް ނެތް

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ރޭ ހުޅުމާލޭގައި ފަތުުރުވެރިންތަކަކަށް ހަމަލާ ދީ ޒަހަމް ކޮށްލާފައި ވަނިކޮށެވެ. ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ ތިން ފަތުުރުވެރިއަކަށް ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާއި ގުޅިގެން ރާއްޖެ ބޮޑުކަންބޮޑުވުމެއްގައި ވަނިކޮށް މި ހަމަލާގެ ޒިންމާ ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.

އިމްރާން ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

"ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާކޮށް ގޮންޖެހުމުގެ ފުުރުސަތު މާތްﷲގެ ވާގިފުޅާއެކު އެއްވެސް ފަރާތަކަށް ނުދޭނަން." އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ފަތުރުވެރިންތަކަކަށް ދިން ހަމަލައަށް ތާއީދުކޮށް އައިއެސްގެ ދިވެހި ޓެލެގްރާމްގައި އާންމު ކޮށްފައިވާ ވީޑިއޯގައި ވަނީ ރާއްޖެއަކީ ފަތުރުވެރިންނަށް އަމާން ތަނެއް ނޫން ކަމަށް ބުނެފަ އެވެ.

އެ ވީޑިއޯ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފަތުރުވެރިންނަށް ހަމަލާދިން މައްސަލަ ވެސް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ދަނީ ބަަލަމުންނެވެ. ނަމަވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.