މޯލްޑިވްސް ޕޮލިސް ސާވިސް

ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ހަރުކަށި ބައެއް: ފުލުހުން

އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ހަމަލާދީފައިވަނީ ހަރުކަށި ފިިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މިރޭ ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ތިން ބިދޭސީންނަށް ދީފައިވާ ހަމަލާ އެ އިދާރާއިން ތަހުގީގު ކުރަމުންދާ ކަމަށެވެ. މިއީ ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ދީފައިވާ ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

"މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު މިދަނީ ގާތުން ބަލަމުން. އަދި އެ ފަރާތްތަކުގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ މި ހަމަލާއާ ގުޅުންހުރި ކަމަށްބުނެ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.

"މިމައްސަލައާއި ގުޅިގެން، ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު މި ސާވިސްއިން މި ގެންދަނީ މަސައްކަތް ކުރަމުން. އަދި ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސާވިސްއިން ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން."

އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ތިން ފަތުރުވެރިޔަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ވާއިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ.

އެ ވީޑިއޯއިން ފެންނަނީ މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނާ މަންޒަރެވެ. އަދި ރާއްޖެއަކީ ފަތުރުވެރިންނަށް ސުވަރުގެ ކަމަށް ދައްކާ ދެއްކުން ނިމުމަކަށް އައިސްފައިވާ ކަމަށް ވެސް އެ ވީޑިއޯގައި ބުނެފައިވެ އެވެ.

ވީޑިއޯ ނިންމާލަމުން އެމީހުން ބުނެފައި ވަނީ ފަތުރުވެރިންނަށް މިފަދަ އެތައް ހަމަލާއެއް އަދިވެސް ދޭނެ ކަމަށެވެ.

ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ.