ހަބަރު

ފިޔަވަޅު އަޅާ އަމާންކަން ގާއިމްކޮށްދޭނަން: ޕީޖީ

އިސްލާމްދީނުގެ ނަމުގައި އަނިޔާވެރިވެ، މީހުންނަށް ހަމާލާދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި ކަމެއް ކަމަށާ އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމުކޮށްދޭނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕީޖީ މިއަދު ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި، އަނިޔާވެރިވެ، މީހުންނަށް ހަމާލާދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި ކަމެއް ކަމަށާ އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި ޖިިނާއީ އަދުލުގެ ނިޒާމުން، އެމީސްމީހުންނާމެދު ފިޔަވަޅު އަޅައި، އަމަން އަމާންކަން ގާއިމުކޮށްދޭނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ތިން މީހުންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު މި ހަމަލާގެ ޒިންމާ ޓެރަރިސްޓް ޖަމާއަތަކުން ނަގާ ކަމަށްބުނެ އައިއެސްގެ ދިވެހި ޓެލެގްރާމްގައި ވަނީ ވީޑިއޯއެއް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގައި މޫނު ފޮރުވައިގެން ތިބީ ވެސް ތިން މީހެކެވެ. މި ހަމަލާ ދިނީ ހަރުކަށި ބައެއްކަން ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.