މިއީ އިންތިހާބު ކުރަން އޮތް ހުރިހާ ގޮނޑިއަކަށް އިދިކޮޅު ޕާޓީތަކުން ކެނޑިޑޭޓުން ނެރެފައިވާ ފުރަތަމަ އިންތިހާބެވެ. މީގެ ފަންސާސް އަހަރު ކުރިން ސިންގަޕޫރު އުފެދުނީއްސުރެ ވެރިކަން ކުރަމުންދަނީ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) އިންނެވެ. އިދިކޮޅު ޕާޓީތަކަށް ކާމިޔާބު ހޯދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތުމުން ޕާލިމަންޓުގެ ގިނަ ގޮނޑިތަކަށް މީގެ ކުރިން އިދިކޮޅު ކެނޑިޑޭޓުންނެއް ނުނިކުމެއެވެ.
ޕީއޭޕީ އިން އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް އަންނާނެ ކަމަށް ބެލެވުނަސް މި ވޯޓުން އިދިކޮޅު ފަރާތްތަކުގެ ތާއީދު އިތުރުވެފައިވާ މިންވަރު ހާމަވާނެ ކަމަށް ބެލެވެއެވެ. މި ފަހަކަށް އައިސް، ކުރިން އަޑު ކަނޑުވާލާފައި އޮންނަ އިދިކޮޅު ފަރާތްތަކުގެ ތާއީދު އިތުރުވެފައި މި ވަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެ، ވަޒީފާތަކަށް ސިންގަޕޫރު މީހުން ނެގުމުގެ ބަދަލުގައި ކުޑަ މުސާރައަށް ބޭރުން މީހުން ގެންނަ މައްސަލައިގައެވެ.
"ކުރިން އަހަރެން ސިޔާސީ ކަންކަމަކާ އަޅައެއް ނުލަން. އެކަމަކު މިހާރު ކަންކަން ބެލި ވަރަކަށް މި އެނގެނީ ކަނކަން ދަނީ ރަނގަޅަށް ނޫން ކަން. މިހާރު އަހަރެމެންގެ ރައްޔިތުން މި ހަދާލަނީ މައިނޯރިޓީ އަކަށް. އަދި ތަބަކަކަށް ލާފައި ގައުމު މި ދެނީ ބޭރު މީހުންނަށް. ސިންގަޕޫރު މީހުންގެ ސިންގަޕޫރެއް ބޭނުން." ވަޒީފާގެއްލިފައިވާ ފަންސާސް ދެ އަހަރުގެ ޖޮން ޗަން ބުންޏެވެ.
5.5 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި، ސިންގަޕޫރު މީހުންގެ ނިސްބަތަކީ މިހާރު 61 އިންސައްތައެވެ.