އަބްދުﷲ ރިޔާޒް

ފިސްތޯލަ ހިފައިން ފުލުހުން އުޅެންޖެހޭ ހާލަތަށް އަތުވެއްޖެ: ރިޔާޒް

ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލް ހިފައިންގެ ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތަށް އަތުވެއްޖެ ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ ކުރީގެ ސީޕީ ވިދާޅުވީ ރައްޔިތުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސްވޮޓް ފުލުހުން ފިސްތޯލް ހިފައިންގެ ރަށުތެރޭގައި ހަރަކާތްތެރިވާންޖެހޭ ހާލަތަށް އަތުވެއްޖެ ކަމަށް ދެކޭ ކަމަށެވެ. އަދި ގައުމު އަމާން ކުރެވޭނީ ފުލުހުން ބާރުވެރި ކޮށްގެން ކަަމަށް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލާ އާ ގުޅިގެން ފުލުހުން މިރޭ ބޭއްވި ނިއުސް ބްރީފިންގައި ބުނީ، އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރު ކޮށްފައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ މުޅިންވެސް ދިވެހިންނެވެ.

ފުލުހުން ބުނީ މި ހާދިސާއާއި ގުޅިގެން ތަހުގީގު ފަށާފައިވާ ކަމަށާ މިއީ ތަހުގީގުގެ އެންމެ ކުރީކޮޅު ކަމުން މިވަގުތު ބައެއް މައުލޫމާތުތައް ހާމަކުރެވެން ނެތް ކަމަށެވެ.

"މި ކަން ކުރި އެންމެހައި ފަރާތްތައް ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެންނާނަން. އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި ފަރާތްތައް ހިމެނޭ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ހަމަލާދީފައިވަނީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ ކަމަށެވެ.