ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވާނެތީ، ސަރުކާރު ކުންފުނިތަކުގެ ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަށްވާ ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރަދު ކުޑަ ކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެ މިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެން ނޫނީ ކުންފުނީގެ އޮނިގަނޑަަށް އަދި މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުފެނައުމާއި ބަޖެޓުގައި ހިމެނިފައިވީނަމަވެސް މިހާރު ދޭން ފަށާފައިވާ އެއްވެސް އެލަވަންސެއް މި އަހަރުތެރޭގައި ނުދިނުން ހިމެނެ އެވެ.
މީގެ އިތުރުން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކުންފުނީގެ ހަރަދުގައި ރާއްޖެ އިން ބޭރަށް ކުރަން ޖެހޭ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމާއި އަދި ރާއްޖޭން ބޭރަށް ދަތުރު ކުރުމުގައި ކުންފުނިތަކުގެ އިސްވެރިންގެ ދަތުރުފަތުރުތައް ހަމަޖެއްސުމުގެ އުސޫލަށް އަމަލުކުރުން ހިމެނެ އެވެ. އަދި މި އަހަރު ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫނީ ނުކުރުމާއި ކާޕެޓް ބަދަލު ކުރުމާއި ޕާޓިޝަން ޖެހުން ފަދަ ކަންކަން ކުރުން މަދު ކުރުން ހިމެނެ އެވެ. މީގެ އިތުރުން ގައުމީ ފެންވަރުގައި ފާހަގަ ކުރަން ޖެހޭ ދުވަސްތައް ފިޔަވައި ކުންފުނީގެ ބަޖެޓުން ހަރަދު ކޮށްގެން އަހަރީ ދުވަސް ފާހަގަ ނުކުރަން ވަނީ އަންގާފަ އެވެ.
ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް ކުރުކޮށް
- މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން
- ބަޖެޓުކޮށްފައިވީ ނަމަވެސް އިތުރު އެލަވަންސެއް ނުދިނުން
- ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުން
- މި އަހަރު ކޮންމެހެން ކުރަން ޖެހޭ މަރާމާތެއް ނޫނީ ނުކުރުން
- ގައުމީ ދުވަސް ފިޔަވައި، ކުންފުނީގެ އަހަރީ ދުވަސް ފާހަގަ ނުކުރުން
- ކުންފުނީގެ ހިންގުމުގެ ހަރަދު ކުޑަކުރުން
- މުވައްޒަފުންނަށް ދޭ އޯވަޓައިމް ލިމިޓް ކުރުން
ކުންފުނި ތަކަށް އަޅަން އަންގާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި ފޯނާއި އިންޓަނެޓާއި މިނޫންވެސް އޮފީސް ހިންގުމުގެ ހަރަދުތައް ވީހާވެސް ހަރަދު ކުޑަކޮށް ހަމަޖެއްސުމާއި ކަރަންޓުން ބޭނުންކުރާ އާލާތްތައް ބޭނުން ނުކުރާ ގަޑިތަކުގައި ނިއްވާލުމާއި އޮފީސް ތެރޭގައި ކުރަން ޖެހޭ މުއާމާތް ވީހާވެސް މަދުކޮށް، ކުންފުނީގެ ހިދުމަތް މެދުނުކެނޑި ދިނުމަށް ބޭނުންވާ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެނިހެން ހަރަދުތައް ހުއްޓާލުން ހިމެނެ އެވެ. މީގެ އިތުރުން މުވައްޒަފުންގެ އޯވަޓައިމް ލިމިޓް ކުރަން ވެސް އެ މިނިސްޓްރީން ވަނީ އަންގާފަ އެވެ.
މިއަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވާނެތީ، ދައުލަތުގެ ހަރަދު ކުޑަކުރަންވެސް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ވަނީ އަންގާފަ އެވެ. ރާއްޖޭގައި ސަރުކާރު ހިއްސާވާ 21 ކުންފުނި އޮތްއިރު އަމިއްލަ ޒާތުގައި ދައުލަތުން ފައިސާ ހޭދަނުކޮށް ހިންގެނީ ސަރުކާރުގެ މަދު ކުންފުންޏެކެވެ.