ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ލިބުނު އެކި ގެއްލުންތުކަށާއި، ނާއިންސާފުން ހިންގާފައިވާ ކަންކަމަށް އިންސާފު ހޯދަން ސަރުކާރުގެ ފަރާތުން ހުށައެޅި އިންތިގާލީ އިންސާފުގެ ބިލް އަވަހަށް ފާސްކޮށްދެއްވުމަށް ބަންޑާރަ ނާއިބް އިބްރާހިމް ރިފްއަތު ގޮވާލައްވައިފި އެވެ.
ރިފްއަތު މިކަމަށް ގޮވާލެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރިއްފަތު މި ޓްވީޓް ކުރައްވާފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިތާ މިއަދަށް ހަތް އަހަރު ފުރިފައިވަނިކޮށެވެ.
ރިފްއަތުގެ ޓްވީޓްގައި ވިދާޅުވީ ނިޒާމީ ސިފައެއްގައި ރޭވިގެން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެތަނުގެ ވެރިއަކު ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަން ކަމަށް އަރައިގެންފައިވާ މައްސަލަތައް ބަލާ، ތަހުގީގުކޮށް، ތެދު ހާމަކޮށް އެފަދަ އަނިޔާތައް ތަކުރާރުވުން ހުއްޓުވުމަށްޓަކައި ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ އިންތިގާލީ އިންސާފުގެ ބިލް ފާސްކޮށް ގާނޫނަށް ހަދަން ޖެހޭ ކަމަށެވެ. އަދި މިއީ ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ބިނާކުރުމަށްޓަކައިވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ އިންތިގާލީ އިންސާފުގެ ބިލް ފާސްކޮށް ގާނޫނަށް ހަދާ، އަނިޔާ ތަހަންމަލްކޮށްފައިވާ ގިނަ ބަޔަކަށް އިންސާފު އަވަހަށް ލިބުމަކީ މިއަދު ކުރައްވާ އުންމީދު ކަމަށެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިންތިގާލީ އިންސާފުގެ ބިލުގެ ފުރަތަމަ ކިއުން ވަނީ އޮކްޓޫބަރު 28، 2019 ގައެވެ.
މި ބިލުގެ ބޭނުމެއްގެ ގޮތުގައި ވަނީ ޖެނުއަރީ 2012 އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ބޮޑެތި އަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އެކުވާލުން ކަމަށެވެ.
އެ މުއްދަތަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓި، އަލުން އެ ޕާޓީއަށް ވެރިކަން ލިބި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގައި ދިޔަ މުއްދަތެވެ.
ސަރުކާރުން ބުނި ގޮތުގައި ބިލުން ފަރުދުންގެ މެދުގައި ސުލްހަ މަސަލަސްކަން ގާއިމުކޮށް، މުޖުތަމައު އެއްބައިވަންތަކުރުމަށް މަސައްކަތްކުރުމާއި ގައުމުގެ އަމަންއަމާންކަން ދަމަހައްޓައި، މަދަނީ މަސަލަސްކަމަށް ޖާގަދިނުމާއި، ގާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކޮށް، ރައްޔިތުންނަށް އަދުލު އިންސާފަށް ވާސިލުވެވޭނެ މަގު ތަނަވަސްކޮށްދޭނެ އެވެ.
އެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި، އިންތިގާލީ އިންސާފުގެ އޮމްބުޑްސްމަންގެ އޮފީހެއް ގާއިމުކޮށް، އެ އޮފީހާ މަސްއޫލިއްޔަތުތަކެއް ހަވާލު ކުރުމަށް ވަނީ ބިލްގައި ހިމަނާފަ އެވެ.
އެގޮތުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ހަގީގަތާ ހަމައަށް ވާސިލުވުމަކީ މި އޮފީހުގެ ޒިންމާއެކެވެ.
އޭގެއިތުރުން އޮމްބުޑްސްމަންގެ އޮފީހުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ނިގުޅައިގަނެފައިވާނަމަ، އެ އަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ، ޖަވާބުދާރީކުރުވަން ވެސް ޖެހޭނެ އެވެ.
އޮމްބުޑްސްމަންގެ އޮފީހުން ހިންގާ ތަހުގީގަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލަށް އަދި މަދަނީ ދައުވާ އުފުލުމަށްޓަކައި ބަންޑާރަ ނައިބަށް ވެސް ފޮނުވަން ޖެހޭނެ އެވެ.
ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމާއި ކުރިއަށް އޮތް ތާނގައި، އެފަދަ އަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭ ގޮތުން ގެންނަންޖެހޭ އިސްލާހުތައް ފާހަގަކުރުމަކީ ވެސް އޮމްބަޑްސްމަންގެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.