އިންޓެލިޖެންސް އޮޑިޓް ކޮމެޓީ

އިންޓެލިޖެންސް އޮޑިޓް ކޮމެޓީގެ އަމާޒާ ގުޅޭ މައުލޫމާތު ހިއްސާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެެދުމަށް އެކުލަވާލި ކޮމިޓީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައިފި އެވެ.

ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓް ހަދަމުންދަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެ އެވެ.

އެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މި މަހުގެ އަށްވަަނަ ދުވަހު ބޭއްވުނު ގައުމީ ސަލަމާތާ ބެހޭ މަޖިލީހުގެ ހަތްވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ހަތަރު މެންބަރުންގެ ކޮމިޓީއެއް މި މަހުގެ 11 ވަނަ ދުވަހު އުފައްދަވާފައިވާ ކަމަށެވެ.

މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ދަނީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ކޮމިޓީގެ މެންބަރުން 241 ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވާ ކޮމިޓީގެ މެންޑޭޓާއި މަސައްކަތްތަކާއި އަދި ހާސިލުކުރަން ބޭނުންވާ ނަތީޖާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރެއްވި ކަމަށެވެ.

އިންޓެލިޖެންސް އޮޑިޓް ކޮމިޓީގެ މައިގަނޑު މަގުސަދަކީ ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސް ކުރެވިފައިވާ މިންވަރު ދެނެގަތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި އަދި މި ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ދެނެގަތުންވެސް ހިމެނޭ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮމީޓީއަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ފޯރުކޮށް ދެމުންދާ ކަމަށެވެ.