ހަބަރު

ޓީއެފްޖީ "ރަން އިން ރަން" އަންނަ މަހު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ކުރިއަށްގެންދާ "ރަން އިން ރަން" އަންނަ މަހުގައި ބާއްވަން ނިންމައިފި އެވެ.

އަންހެނުންނަށް ހާއްސަ މި ދުވުމަކީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެނުން ބާރުވެރި ކުރުވުމަށާއި ދުޅަހެޔޮ ސިއްހަތަކާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ބާއްވާ ދުވުމެކެވެ. މިއަހަރުގެ ދުވުން ބާއްވަނީ އަންނަ މަހު 13 ވަނަ ދުވަހު ހުޅުމާލޭގަ އެވެ.

މި ދުވުމުގެ މައިގަނޑު ބައިވެރިޔެއްގެ ގޮތުގައި ކެއާ ސޮސައިޓީ ހަމަޖައްސާ އިއްޔެ ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ޓީއެފްޖީން ބުނީ، ކެއާ ސޮސައިޓީ ހަމަޖެއްސީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައިދޭން އެހީވުމަށް ކަމަށެވެ.

މި އަހަރުގެ ދުވުމުގައި ދެ ކެޓަގަރީ އެއް ހިމަނާފައިވެ އެެވެ. އެގޮތުން އަށް އަހަރުން މަތީގެ ކުޑަކުދިންނަށާއި އިސްރަށްވެހިންނަށް ހާއްސަ 3.5 ކިލޯމީޓަރުގެ ދުވުމެއް އޮވެ އެވެ. ރެޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 299 ރުފިޔާ ނަގަ އެވެ.

ދެވަނަ ކެޓަގަރީއަކީ ހަތް ކިލޯމީޓަރުގެ ދުވުމެކެވެ. ސޯޅަ އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ކެޓަގަރީގައި ރެޖިސްޓާ ވުމަށް ނަގަނީ 399 ރުފިޔާ އެވެ. މި ދެ ކެޓަގަރީގައިވެސް 500 ސްލޮޓް ހުޅުވާލާފައިވެ އެެވެ.

ދުވުމުގައި ބޭނުންކުރާ ޓީޝާޓް މި މަހު 25 އިން ފަށައިގެން ޓީއެެފްޖީ އިން 250 ރުފިޔާ އަށް ދޫކުރެ އެވެ.

ރަންއިން ރަން ދުވުމުގެ ޓީޝާޓާއި ރެޖިސްޓްރޭޝަން ފީ އިން ލިބޭ 20 ޕަސެންޓު އެ ސޮސައިޓީ އަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފަަ އެވެ.