ވިލާ ގްރޫޕް

ވިލާ ފައުންޑޭޝަނަށް 20 އަހަރު، 7000 ދަރިވަރުންނަށް އެހީ

"ވިލާ ފައުންޑޭޝަން" އިން މިދިޔަ ވިހި އަހަރު ދުވަހުގެ ތެރޭގައި 7000 ކުދިންނަށް ތައުލީމް ހާސިލްކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިލާ ގުރޫޕްގެ ބާނީ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަންގެ 20 އަހަރުގެ އެންމެ ބޮޑު ކާމިޔާބަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމުގައި އެ ފައުންޑޭޝަންގެ މުހިންމު ހިއްސާއެއް އޮތުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި ފަންނީ މީހުން މަދު ދުވަސްވަރު ވިލާ ފައުންޑޭޝަންގެ އެހީތެރިކަމުގައި ވަރަށް ގިނަ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެހީތެރިވެ ދީފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ފުލްފަންޑިން، ހާފް ފަންޑިން ނުވަތަ އެ ނޫންވެސް އެކި މިންވަރުން އެހީތެރިވެ ދީފައިވާ ދަރިވަރުންގެ އަދަދު 7000 ވުރެ އިތުރު ކަމަށެވެ.

މީގެ އިތުރުން ވިލާގެ ފައިސާއިން ކިޔެވި އެއްވެސް ދަރިވަރެއް ފައިސާ ނުދައްކައިގެން މިހާތަނަށް ދުވަހަކުވެެސް ކޯޓަށް ގޮސްފައިނުވާނެ ކަމަށާ އެމަނިކުފާނު ހުންނެވިހާ ދުވަހަކު އެކަން ހިނގަމުންދާނީ އެ މަގުން ކަމަށެވެ. ވިލާއަށް އެގޮތުން ދައްކަން ޖެހޭ ފައިސާއެއް ނުދެއްކިނަމަ މައާފްކޮށްދީފައިވާނެ ކަމަށާ އަދި ތައުލީމް ހާސިލްކުރަނިކޮށް ނުވަތަ އޭގެ ފަހުން ފައިސާ ނުދައްވަނިކޮށް އެ ދަރިވަރަކު މަރުވެއްޖެނަމަ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ލިޔެފައިވެސް ވާނެ ކަމަށް ވިދާޅުވިއެވެ.

"އެއްވެސް ކުއްޖަކު ފައިސާ ނުދައްކައިގެން އަޅުގަނޑުމެން އެއްވެސް ކޯޓަކަށް ނުދަން، އަދި ނުވެސްދާނަން އިނގޭތޯ އިރާދަކުރެއްވިއްޔާ. އެއީ އެގްރީމަންޓް ކުރެވިފައިވާ ގޮތުންވެސް އެ ކުއްޖެއްގެ އެެއްވެސް ޕޭމަންޓެއް ނުދެއްކިއްޖެ އެއްވެސް ހާލަތެއްގައި އަމިއްލައަށް މައާފްވެގެންދާނެ. އަދި އެހެން ހުއްޓާ އެކުއްޖަކު މަރުވެގެންދިޔަނަމަވެސް އެ ކުއްޖެއެއްގެ އާއިލާއަކަށްވެސް ނުދާނެކަން އެއްބަސްވުމުގައި އޮންނާނެ ލިބިފައި. އެއީ އެއްވެސް ފިކުރެއް އޮތް ކަމެއް ނޫން." ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ތަފާތު ބަލިތަކުގެ ޝިކާރަކަށްވި އެތައް ދިވެހިންގެ ބޭސްފަރުވާގައި ވިލާ ފައުންޑޭޝަނުން އެހީތެރިވެދީފައިވާކަންވެސް ގާސިމް ފާހަަގަކުރެއްވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވިލާ ކުންފުންޏަށް 44 އަަހަރު ވެގެންދިޔައިރު އާމަދްނީ ހޯދުމަށް ކުރި އިންވެސްޓްމަންޓަށްވުރެ ރައްޔިތުންގެ މަންފާއަށް ކުރެވިފައިވާ ހޭދަ ބޮޑުވާނެ ކަމަށެވެ. އަދި އެއީ މިއަދު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވެސް ވިދާޅުވިއެވެ.