މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ހިޔާގެ ދެކުއްޖަކު ޑްރަގް ސެންޓަރަށް ގެންދިޔައީ އިންޓާންޝިޕަކަށް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ތިބި ދެ ކުއްޖަކު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ގެންދިޔައީ އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަ ކުރުމަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ދެ ކުއްޖަކު ކ. ހިންމަފުށި ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ގެންދިޔަކަމަށް ބުނެ ފެތުރެމުންދާ ހަބަރާއި ގުޅޭގޮތުންނެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ 16 އަހަރުން މަތީގެ ކުދިން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުމުގެ ގޮތުން އެކި އިދާރާތަކާއި ކުންފުނިތަކަށް އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދެވޭ ކަމަށެވެ.

ެއެގޮތުން ދެ ކުދިން މި މަހުގެ ހަތަރަކުން ހަތަކަށް ރަގް ރިހިބިލިޓޭޝަން ސެންޓަރުގެ އިދާރީ ބައިގައި އިންޓާންޝިޕް ޕްރޮގްރާމް ފުރިހަމަކުރުމަށް ފުރުސަތު ދެވިފައިވާ ކަމަށެވެ.

ހިޔާގައި ތިބި ދެ ކުއްޖަކު ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަށް ގެންދިޔައީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑުގެ ލަފައަކާ ނުލައި ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުުވުން ފާޅުކުރަމުންނެވެ.