ބ. ކުޑަރިކިލް ވަރަށް ބޮޑަށް ގިރަމުންދާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުޑަރިކިލު ކައުންސިލުން މިއަދު ވަނީ ގިރާ ސަރަހައްދުގެ އިއްޔެގެ ފޮޓޯއަކާއި މިއަދުގެ ފޮޓޯއެއް އާންމު ކޮށްފަ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ގޮނޑުދޮށުގައި ބަހައްޓާފައި ހުރި ޖޯއްޔަކާ ހަމާގައި އިއްޔެ ދޮންވެލިގަނޑު އޮތްއިރު މިއަދު މުޅި އެ ސަރަހައްދު ވަނީ ގިރައިގެން ގޮސްފަ އެވެ.
އެ ކަންބޮޑުވުންތައް މިހާރު ކައުންސިލުން ވަނީ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެންގޮސްފަ އެވެ.
ކުޑަރިކިލު ހިމެނޭ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ކުޑަރިކުލް ގިރަނީ ނުރައްކާތެރިކަން ބޮޑު ގޮތަކަށް ކަމަށާއި އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
ކުޑަރިކިލަކީ މޫސުމީ ގޮތުން އަބަދުވެސް ރަށް ގިރާ ރަށެކެވެ. ނަމަވެސް މިއީ މިވަރަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވި ފުރަތަމަ ފަހަރު ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ. ކުޑަރިކިލު އަދާޔާ ހިލާފަށް ގިރަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހާ ހަމައިންނެވެ. އެއިރުން ފެށިގެން މިއަދާ ހަމައަށް އެ ރަށުގެ އިރުއުތުރު ފަރާތުން 700 ފޫޓުގެ ސަރަހައްދެއް ވަނީ ގިރާލާފައި ވެއެވެ.
ގިރާ ސަރަހައްދާ ދިމާލުގައި ގެތައް ވެސް ހުރުމާއެކު ރަށުގެ ރައްޔިތުން ވަނީ ފިޔަވަޅުތައް އަޅައި އެ ސަރަހައްދުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށާފަ އެވެ.
އެ ރަށުގެ ގިނަ މީހުން ގަބޫލު ކުރާ ގޮތުގައި އެ ރަށް ގިރަނީ ކައިރީގައިވާ ރިސޯޓްތަކުގައި މޫދު ކޮޓަރިތައް ތަރައްގީ ކުރާތީ އެވެ. އޭގެ ސަބަބުން ސަރަހައްދުގެ އޮއިވަރަށް ބަދަލު އައިސް އޭގެ ނުބައި އަސަރު ކުޑަރިކިލަށް ކުރާ ކަމަށް އެ މީހުން ދެކެ އެވެ.
ކުޑަރިކިލާ ވަރަށް ކައިރީގައި ލަނޑާގިރާވަރާއި އަނަންތަރާ ރިސޯޓް އޮވެ އެވެ. އެ ދެ ރިސޯޓްގައި ވެސް މޫދު ކޮޓަރިތައް ތަރައްގީ ކުރެ އެވެ.
ކުޑަރިކިލު ނޫނަސް މި ދުވަސްވަރު ގިނަ ރަށްތަކަށް ގިރުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ކުއްލި ކޮމެޓީ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ކަމާ ބެހޭ ފަރާތްތަކުން ފާހަގަކުރީ ރަށް ގިރުމުގެ މައްސަލަ މި ދުވަސްވަރު ބޮޑީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަމަށެވެ.
މިފަހުން ރ. ފައިނު ވަރަށް ބޮޑަށް ގިރާ މައްސަލަ ވެސް ބޮޑުވި އެވެ. އެ ރަށުގެ ބިޔަ ކާނި ގަސްތައް ވެސް ނެތިގެންދާތީ ސަރުކާރުން ވަނީ އެ ސަރަހައްދު ސަމާލާމަތް ކުރުމުގެ މަސައްކަތް ފަށާފަ އެވެ.