އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޝުކުރު އަނަސްއަށް

ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރުގެ ދައުރު މިރޭ ހަމަވާއިރު، މިދިޔަ ފަސް އަަހަރު އެމަގާމުގައި ހުންނަވައިގެން އަނަސް ކުރެއްވި މަސައްކަތްތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ޝުކުރު އަދާކޮށްފި އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އަނަސް އެސްޖީގެ މަގާމަށް އިންތިހާބުކޮށްފައިވަނީ ފެބްރުއަރީ 11، 2015 ގައެވެ. އެހެން ކަމުން މިރޭ 00:00 ގެ ނިޔަލަށް މަގާމުގެ ދައުރު ހަމަވާނެ އެވެ.

މިރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި މެންބަރުން ވަނީ އަނަސްގެ ހިދުމަތް ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިދިޔަ ފަސް އަހަރުތެރޭ އެމްޑީޕީއަށް ކުރިމަތިވި ހުރަސްތައް ނައްތާލުމަށް އަނަސް ހިމެނޭ ގޮތުން އެމްޑީޕީން ކުރި މަސައްކަތް ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެމްޑީޕީގެ އެސްޖީ މަގާމާ އަނަސް ހަވާލުވެވަޑައިގެންނެވީ ވަރަށް އުދަނގޫ ވަގުތެއްގައި ކަމަށްވެސް މެންބަރުން ފާހަގަ ކުރެއްވިއެވެ.

ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ މިދިޔަ ފަސް އަހަރު ކުރެވުނު މަސައްކަތާމެދު ހިތްހަމަޖެހުން އެބައޮތް ކަމަށާ ފަސް އަހަރުގެ ދައުރަށް ފަހު މިހާރު ކުރިމަތިލައްވާފައިވާ މަސައްކަތުގައިވެސް އެމްޑީޕީގެ މެންބަރުންގެ ތާއީދަށް އެދޭ ކަމަށެވެ. އަނަސް އެ އިޝާރާތް ކުރަނީ އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާތީ އެކަމުގެ ތާއީދަށެވެ.

"އާއިލާއެއްގެ ގޮތުގައި މިދިޔަ ފަސް އަހަރު އެކުގައި މި މަސައްކަތް ކުރެވުނީ." މެންބަރުންނާ ވާހަކަދައްކަވަމުން އަނަސް ވިދާޅުވިއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އަނަސް ވަނީ މާލޭގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ބަލިކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މާދަމާއަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.