އެޓާނީ ޖެނެރަލް

ސަރުކާރުން ހުށަހަޅާ 10 ބިލެއް އޭޖީން އެކުލަވާލައިފި

ރައްޔިތުންގެ މަޖިިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ހުށަހަޅަން ނިންމާފައިވާ 56 ބިލުގެ ތެރެއިން 10 ބިލެއް އެކުލަވާލައި ނިންމައިފި އެވެ.

އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ބުނީ މިހާރު ހިނގަމުންދާ ދައުރުގައި މަޖިލީހަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ މުޅިން އަލަށް އެކުލަވާލަން ޖެހޭ 24 ބިލަކާއި އެކި ގާނޫނުތަކަށް އިސްލާހުތައް ގެނައުމުގެ 32 ބިލެކެވެ. އޭގެ ތެރެއިން 10 ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

އޭޖީން އެކުލަވާލާފައިވާ ބިލްތައް

  • ނަފުސާނީ ސިއްހަތުގެ ބިލް
  • ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް
  • ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އިންޝުއަރެންސްއާ ބެހޭ ބިލް
  • ތަފާސް ހިސާބުގެ ބިލް

ރައީސް އޮފީހަށް ފޮނުވާފައިވާ 10 ބިލުގެ ތެރެއިން ހަ ބިލެއް ވަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. އެއީ ނަފުސާނީ ސިއްހަތުގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.