އެޓާނީ ޖެނެރަލް

ތިންވަނަ ދައުރަށް 30 ބިލެއް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތަކުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން ރަައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ތިންވަނަ ދައުރަށް ހުށައަޅަން ނިންމާފައިވާ ބިލްތަކުގެ ލިސްޓް މިއަދު ފޮނުވާފައިވާ ކަމަށެވެ. އެއީ 30 ބިލް ހިމެނޭ ލިސްޓެކެވެ.

ބިލްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ އިޖްރާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫން އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގޭންގު ކުށްތައް މަނާކުރުމާއި ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.

މީގެ އިތުރުން މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް ހެލްތް ސާވިސަސްގެ ބިލާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހައްޖާއި އުމްރާގެ ބިލާއި ޒަކާތުގެ ބިލާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފޮރިން އިންވެސްޓްމަންޓްގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލެވެ.

މި ބިލުގެ އިތުރުން ދެން ހިމެނެނީ އާއިލާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ހެއްކާއިބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން އޮތޯރިޓީގެ ބިލާއި އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގާނޫނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ބިލާއި ޕޯޓްތައް މެނޭޖު ކުުރުމުގެ ބިލެވެ.