އެޓާނީ ޖެނެރަލް

މަޖިލީހަށް ފޮނުވުމަށް ތިން ބިލެއް ރައީސް އޮފީހަށް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތިން ބިލެއް ރައީސް އޮފީހަށް ފޮނުވައިފި އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރަައީސް އޮފީހަށް ފޮނުވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ އިތުރުން ކުނި މެނޭޖުކުރުމުގެ ބިލްގެ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުން ހުށަހެޅުމުގެ ބޭނުމަކީ ހެކިބަސްދޭ ފަރާތްތައް ހިމާޔަތް ކުރުމާގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުމާއި ކުށަށް އިއުތިރާފުވާ ފަރާތްތަކާ އެކު އިއުތިރާފުގެ އެއްބަސްވުން ވެވޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތައް އިތުރަށް ތަފްސީލުކޮށް ބަޔާންކުރުމަށާއި އެ ނޫން ވެސް ޖިނާއީ އަދުލުގެ ނިޒާމުގެ އެކިއެކި އިޖުރާއަތުތައް ހިންގުމުގަ އާއި ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުންނެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ދައުލަތުގެ ދަރަންޏަށް ފައިސާ ނެގުމާއި ގެރެންޓީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ އިން ހާއްސަ އެހީ ދިނުމާގުޅޭ އުސޫލުތަކާއި ދައުލަތުގެ ފައިސާ ހިސާބުކުރުމާއި އަހަރީ ބަޖެޓު އެކުލަވާލުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުންޏެވެ.

އަދި ދައުލަތުގެ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާއި އެ ފަންޑު ހިންގުމާގުޅޭ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމަށާއި ދައުލަތުގެ ޕްރޮކިއުމަންޓުގެ ނިޒާމު ހިންގާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާން ކުރުމަށާއި ގާނޫނާ ހިލާފުވާ ހާލަތްތަކުގައި އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ގުޅޭ ގޮތުން ކަނޑައެޅިފައިވާ އުސޫލުތައް އިސްލާހުކުރުމަށާއި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށެވެ.

ކުނި މެނޭޖުކުރުމުގެ ބިލް ހުށަހެޅުމުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގައި އެ ކަންކަން ބެލެހެއްޓުމަށްޓަކައި އަންނަނިވި ކަންކަން ހިމެނޭ ގޮތުން ކުނި މެނޭޖުކުރުމުގެ އުސޫލުތަކާއި މިންގަނޑުތަކާއި އިޖުރާއަތުގެ މައްޗަށް އެކުލެވޭ ގާނޫނީ އޮނިގަނޑެއް ކަނޑައެޅުމެވެ.

އަދި ކުނީގެ ސަބަބުން ތިމާވެށި ތަޣައްޔަރުވުމާއި ތިމާވެއްޓަށް ލިބޭ ގެއްލުން ހުއްޓުވުމާއި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް އެކުލަވާލުމާއި ކުނި މެނޭޖުކުރުމުގެ އާންމު ބޭނުންތަކުގެ ހިދުމަތް ލިބިގަންނަ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން ހިމެނެއެވެ.