އެފްއޭއެމްގެ އިންތިހާބު

އިންތިހާބަށް ކުރިމަތިލެއްވީ ބައްސާމް އެކަނި

އެފްއޭއެމްގެ އިންތިހާބު އަންނަ މަހު 20 ވަނަ ދުވަހު ބާއްވަން އިއުލާންކޮށް، އިންތިހާބުގައި ވާދަ ކުރެއްވި ހަމައެކަނި ކެނޑިޑޭޓް، މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ކެނޑިޑެސީ އެފްއޭއެމުން ފައިނަލު ކޮށްފި އެވެ.

އެފްއޭއެމްގައި މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު މިމަހު ހަތަރު ވަނަ ދުވަހު ގެޒެޓްގައި އިއުލާން ކޮށްފައިވާ ކަމަށެވެ. އެފްއޭއެމުން އާންމުކޮށް ކުރާ އެފަދަ އިއުލާންތައް އެ އިދާރާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާ ކުރެ އެވެ. އެެހެންނަމަވެސް އިންތިހާބަށް ކުރި އިއުލާން އެހެން އެއްވެސް ޕްލެޓްފޯމެއްގައި އިއުލާން ކޮށްފައިނުވެ އެވެ.

ޖަވާޒު ވިދާޅުވީ، އިންތިހާބުގެ ޓައިމްލައިންތައް ފޮލޯ ކޮށްފައި ވަނީ އެފްއޭއެމްގެ އަސާސީ ގަވާއިދުގައިވާ ހަމަތަކުގެ މަތިން ކަމަށެވެ.

"މި ޕްރޮސްސް، އޭއެފްސީ، ފީފާއިންވެސް މޮނިޓާ ކުރަމުން ދަނީ،" ޖަވާޒު ވިދާޅުވި އެވެ.

އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަން އަބްދުﷲ އަލީ ވިދާޅުވީ އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވފައި އޮތީ ފެބްރުއަރީ ހަތަރަކުން ފެށިގެން އިއްޔަގެ 2:00 ގެ ނިޔަލަށް ކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ ޑިވިޝަންގެ ހަ ކުލަބަކާއި ދެ ވަނަ ޑިވިޝަނެއްގެ ތިން ކުލަބެއްގެ އެންޑޯޒްމެންޓާއެކު އާއެކު އިންތިހާބަށް ކުރިމަތިލާފައިވާ ބައްސާމްގެ ކެނޑިޑެސީ ފައިނަލު ކުރީ، މިއަދު ބޭއްވި އިލެކްޓޯރަލް ކޮމިޓީގެ ބައްދަލު ވުމުގައި ކަމަށެވެ.

އެފްއޭއެމްގެ އިންތިހާބަށް އެއް ބޭފުޅަކު ކުރިމަތި ލެއްވުމުން، އިންތިހާބުގައި ކުލަބުތަކުން ވޯޓް ދޭނީ ފެންނަ ނުފެންނަށް ވޯޓަށެވެ.

ބައްސާމްގެ އެގްޒެކެޓިވް ކޮމިޓީ

ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ސީނިއާ ނައިބު ރައީސް އަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ކުރީގެ ފޯވަޑް އަލީ އުމަރު، ދެ ވަނަ ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ)، އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރުގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބު، މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވާ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނާ އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ މިހާރުވެސް އެފްއޭއެމްގެ އިސް މަގާމެއް ފުރަމުން އަންނަ އާމިނަތު ޝާނީޒް (ޝާނީ) އެވެ.

ބައްސާމް އަށް އެންޑޯޒްމެންޓް ދީފައި ވަނީ ފުރަތަމަ ޑިވިޝަންގައި މިވަގުތު އެކްޓިވް ކޮށް އޮތް ހަ ކުލަބުގެ އިތުރުން ދެ ވަނަ ޑިވިޝަންގެ ފައިނަލިސްޓް ކުލަބު ވެލެންސިއާ އާއި ޖޭޖޭ ސްޕޯޓްސް އާއި ކުލަބު ޕީކޭ އެވެ.

އިންތިހާބު ގެޒެޓްގައި ހާމަ ކުރުން ފިޔަވައި އެހެން ވަސީލަތްތަކުގައި އާންމު ނުކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން ޖަވާޒު ވިދާޅުވީ އެފްއޭއެމްގެ އަސާސީ ގަވައިދުގައި އިންތިހާބުގެ ކަންކަން ކުލަބުތަކަށް ނޯޓިފައި ކުރާނެ ގޮތްތަކެއް އެބަހުރި ކަމަށެވެ. އިންތިހާބުގެ ކަންކަން ކުލަބުތަކަށް ލިޔުމުންނާއި އީމެއިލްގެ ޒަރިއްޔާއިން އަންގާފައިވާ ކަމަށެވެ.