ބައްސާމް އަދީލް ޖަލީލް

ބައްސާމް މަޖިލީހަށް ހާޒިރު ކުރަނީ

އެފްއޭއެމްގެ ރައީސްކަން ކުރިން ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، އެފްއޭއެމް އާ ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރަމުންދާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވުމަށް، އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލަށް މަޖިލީހުން އަންގައިފި އެވެ.

ބައްސާމް މިއަދު އަވަސް އަށް ވިދާޅުވީ، މާދަމާ ހެނދުނު 10:00 ޖަހާއިރު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އިޖުތިމާއީ ކޮމިޓީން މިއަދު ވަނީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް ކޮމިޓީއަށް ހާޒިރު ކޮށް ސުވާލުކޮށްފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ދެ ވަނަ ދައުރަކަށް އެ އެސޯސިއޭޝަންގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގެންނެވުމަށް ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވީ އެފްއޭއެމްގެ މައްސަލަ މަޖިލީހުން ބެލޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ރާއްޖޭގެ ގާނޫނުގެ ތެރެއިން އެ ބާރު ލިބިގެން ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސް ކަމަށެވެ. އެހެންނަމަވެސް މަޖިލީހަށް ހާޒިރުވެ ޖަވާބުދާރީން ވާން އަންގައިފިނަމަ ޖާވާބުދާރީ ވާނެ ކަމަށެވެ.

"ހަގީގަތަކީ އަޅުގަނޑުމެން މަޖިލީހަށް ހާޒިރުވާން މަޖުބޫރެއް ނޫން، އެހެންނަމަވެސް އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން މީ މާ ގަދަ ބައެއް ކަމަށް ދެކި ގަދަ ބަސް ބުނެފަ ނުދާކަށް އަޅުގަނޑުމެން ބޭނުންވަނީ އެބޭފުޅުން ސާފު ކުރަންވަން ބޭނުންވާ ކަމެއް އޮތިއްޔާ އެ މައުލޫމާތެއް އަރުވާ އެންމެންނަށް އެއްބާރުލުން ދީގެން ކުރިއަށް ގެންދަން." އިންތިހާބީ ކޮންގްރެސް އަށް ބޭއްވި ޕްރެސް ކޮންފަރެންސް ގައި ވާހަކަ ދައްކަމުން ބައްސާމް ވިދާޅުވެފައި ވެއެވެ.

އެފްއޭއެމް އިންތިހާބު ހުއްޓުވުމަށް މަޖިލީހުން ވަނީ މަސައްކަތް ކޮށްފަ އެވެ. ރައްޔިތުންގެ މަޖިލީހުން މިނިސްޓްރީއަށް އަންގާފައި ވަނީ، އެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާ ކުރަމުންދާ އެ މައްސަލަ ނިމެންދެން އެފްއޭއެމްގެ އިންތިހާބު ފަސް ކުރުމަށް އެފްއޭއެމް އަށް އެންގުމަށެވެ.

މިއަދު ކޮމިޓީއަށް ހާޒިރުވެ މިނިސްޓަރު މަހްލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން މަޖިލީހުން އެންގުމަކީ ރީތި ކަމެއް ނޫން ކަމަށެވެ. އެފްއޭއެމްގެ އިންތިހާބު ފަސް ކުރަން އެންގުމަކީ ކުޅިވަރާ ބެހޭ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިފައިވާ ބާރެއް ނޫން ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެހެންނަމަވެސް އެގޮތަށް އެންގީ މަޖިލީހުން އެގޮތަށް އެދުމުން ކަމަށެވެ.

"އަޅުގަނޑަށް ގާނޫނުން ނުވެސް ލިބޭ ބާރެއް އިލެކްޝަނެއް ލަސް ކޮށްދޭން އެދުމަކީ، ކުޅިވަރާ ބެހޭ ގާނޫނު އަޅުގަނޑަށް ލިބޭ ބާރެއް ނޫން އެއީކީ،" މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން މަހްލޫފް މިއަދު ވިދާޅުވި އެވެ. "އެކަންވެސް އަޅުގަނޑު ކުރީ ތިބޭފުޅުން [މަޖިލީހުން] އެގޮތަށް އެދުމުން."