އެއީ މުޅި އަތުގެ ސިފަ ހުތުރުކޮށްލާ ކަމެކެވެ. އެހާމެ މުޑުދާރު ވެސް ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި ގެއްލުން ވެސް ލިބިދާނެ ކަމެކެވެ.
އެކަމަކު ވެސް މިއީ ބައެއް މީހުންނަށް ދޫކޮށްލެވޭ އާދައެއް ނޫނެވެ. އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުން އާއި ޖެކީ އޮނޭސިސް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އަކީ މިކަމަށް އާދަވެފައި ތިބި މަޝްހޫރު މީހުންގެ ލިސްޓުން ފާހަގަކޮށްލެވޭ ދެ ތިން ނަމެވެ.
ނިޔަފަތި ކެއުމަށް އާދަވެފައި ތިބި ބައެއް މީހުން ބުނަނީ މިއީ ދުންފަތަށް ދެވި ހިފާފައިވާ މީހާ އާއި ސިނގިރެޓާ ދެމެދު އޮތް ވަރުގެ ގާތް ގުޅުމެއް ކަމަށެވެ. އަދި ކަނޑާލަން އެހާ އުނދަގޫ ގުޅުމެއް ކަމަށެވެ.
ސައިންސްވެރިން ބުނަނީ މިއީ ހިއްސުތަކެއް ބަންޑުންވާ ހިނދު އެ ހިއްސުތައް ކޮންޓްރޯލްކުރުމުގެ ގާބިލުކަން ނެތިގެން ދިމާވާ ކަމެއް ކަމަށެވެ. އެކަމަކު ސައިކެޓްރިސްޓުން ބުނަނީ މިގޮތަށް ކަނޑައެޅޭނީ ނަފުސާނީ ގޮތުން ސީރިއަސް މައްސަލައެއް ދިމާވެފައިވާ މީހެއްގެ މައްސަލައިގަ ކަމަށެވެ.
ބޮލުން އިސްތަށި ދެމުމާއި ހަންގަނޑުގެ އެކި ތަންތަން ކަހައި ނޮޅައި ހެދުން ފަދަ ނަފުސާނީ މައްސަލަތަކާ ގުޅިފައިވާ ކަންކަމަށް އާދަވެފައިވާ މީހެއް ނަމަ އެވެ.
އެކަމަކު ނިޔަފަތި ކެއުމަށް އާދަވެފައިވާ ކޮންމެ މީހަކީ މިފަދަ އެހެން މައްސަލަތައް ހުރި މީހުންނެއް ނޫނެވެ. އެހެންވީމަ، ނިޔަފަތި ކެއުމަކީ ހިއްސުތައް ކޮންޓްރޯލްކުރުމާ ގުޅިފައިވާ ކަމެއް ކަމަކަށް ނުބެލެވެ އެވެ.
މިސާލަކަށް، ފުރާވަރުގެ ކުދިންގެ ތެރެއިން 45 ޕަސެންޓް ކުދިންނަކީ ނިޔަފަތި ކާ ކުދިންނެވެ.
ކޮންމެއަކަސް ނިޔަފަތި ކެއުމުގެ ފަހަތުގައި ވަނީ ކޮން ސަބަބުތަކެއް ކަމެއް ސީދާ ހޯދިފައެއް ނެތެވެ.
އެކި ތަޖުރިބާކާރުންގެ އަތުގައި އެކި ޖަވާބުތައް ހުރިއިރު ބައެއް މީހުން ބުނަނީ މިއީ ގާތުން ދިނުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. ނުވަތަ ކަންބޮޑުވެ ހާސްވުމާ ގުޅިފައިވާ ކަމެކެވެ. ނުވަތަ މައެއްގެ ލޯބި ނުލިބުމުން ކުރިމަތިވާ ކަމެއް ކަމަށް ވެސް ބައެއް ދިރާސާތަކުން ދައްކަ އެވެ.
ބައެއް ތަޖުރިބާކާރުން ބުނަނީ މިއީ އެންމެ ކުޑައިރުން ފެށިގެން އަނގަޔަށް އިނގިލި ލައިގެން އުޅޭ ކުޑަކުއްޖާގެ ކިބައިން އެކަން ނުހުއްޓުވި އާދައަކަށް ވުމުން ދިމާވާ ކަމެއް ކަމަށެވެ. އެންމެފަހުން އެކަމަށް ކުއްޖާ ދެވިހިފައި ނިޔަފަތި ކެއުން އުފަލަކަށް ވަނީ ކަމަށެވެ.