ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެތައް މިލިއަން ޑޮލަރެއް ދީފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އޮޕަރޭޓަރުންނަށް ކުއްޔަށް ދޭނެ ގޮތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ކުރިން އަޑު ފެތުރުނީ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ވަރަށް ކުޑަ އަގަކަށް ޓީއެމްއޭއަށް ދިނުމަށް އެމްއޭސީއެލްއިން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ފެންމަތިވެ، ސީޕްލޭން އޮޕަރޭޓަރުންގެ މެދުގައި ވެސް ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދު ކުރަމުންނެވެ.
މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ރައީސް ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމްއޭސީއެލްއާ ޓީއެމްއޭއަށް އެއްބަސްވެވޭ ގޮތަކަށް މައްސަލަ އަވަހަށް ނިންމުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. އެހެންނޫނަމަ ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ވަނީ އެ މައްސަލާގައި ވަކި ބައެއްގެ ދިފާއުގައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ. އަދި ޓީއެމްއޭއާ އެއްކޮޅަށް ރައީސް ނަޝީދު ވަކާލާތު ކުރައްވަނީ އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި ހިމެނޭ މެންބަރެއްގެ މަސްލަހަތުގައި ކަމަށް ބުނެ އެކަމާ ގުޅުންހުރި ބައެއް ހެކިތައް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ހިއްސާކޮށްފައިވެއެވެ.
ރައީސް ނަޝީދަށް ޓީއެމްއޭއިން 13 މިލިއަން ޑޮލަރު ދީފައިވާ ކަމަށް އިއްޔެ ތުހުމަތު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދެވެ.
އެކަމަށް އިޝާރަތް ކުރައްވާ މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ޓީއެމްއޭ އަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމަނިކުފާނަކަށް ރުފިޔާ ދޭން ނޫޅޭނެ ކަމަށާއި ނުވެސް ދެވޭނެ ކަމަށެވެ. އެފަދަ ކަމަކާ މީހަކު ވެސް ވިސްނާނެ ކަމަށެވެ.
"ދެއްވަން އުޅުއްވަބަލަ އެއްވެސް މީހަކު އެއްވެސް އެއްޗެއް، އެކަން ގޮސް ނިމިދާނެ ގޮތް އެބަޔަކަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، ރިޝްވަތު ދިނުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ހިފުމަކީ ވެސް މަނާ ކަމެއް، ރިޝްވަތު ދޭން އުޅޭކަން އެނގި އެކަމާ އަޅާނުލުމަކީ ވެސް މަނާ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ ވަކި ކަމެއް ވަކި ގޮތަކަށް ކުރުމުގެ ނިޔަތުގައި އެއްވެސް މީހަކު އެމަނިކުފާނާ ރަހުމަތްތެރިވެ ވާހަކަ ނުދެއްކުމަށް އިހްލާސްތެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓް ކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރިއަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.