ދުނިޔެ

އަފްޣާންގެ އިންތިހާބު ޣަނީ ކާމިޔުބު ކުރެއްވި ކަމަށް އިއުލާނުކޮށްފި

Feb 19, 2020

ކާބުލް (ފެބްރުއަރީ 19) - އަފްޣާނިސްތާނުގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު، މިހާރުވެސް ރައީސްކަމުގެ މަގާމުގައި ހުންނެވި އަޝްރަފް ޣަނީ ކާމިޔާބުކުރައްވާފައިވާކަން އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި އެވެ.

މީގެ ފަސް މަސް ދުވަސް ކުރިން ބޭއްވުނު އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުތައް އަމާޒުވެފައިވާއިރު، އަފްޣާނުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ ބުނީ 50.6 ޕަސަންޓް ވޯޓުން ޣަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށެވެ. ޣަނީ އާ އެންމެ ގާތުން ވާދަކުރެއްވި އެގައުމުގެ ޗީޕް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ އަށް ލިބިވަޑައިގެންފައިވަނީ 39.52 ޕަސަންޓެވެ.

މީގެ ކުރިން ވެސް އިންތިހާބު ނަތީޖާ އޮޅުވާލަން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރެއްވި އަބްދުﷲ ވަނީ ރަސްމީ ނަތީޖާ ވެސް ގަބޫލުނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަމިއްލަ ސަރުކާރެއް ގާއިމުކުރައްވާނެކަމަށްވެސް އަބްދުﷲ ވަނީ އިއުލާނުކުރައްވައިފަ އެވެ.

އަފްޣާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ލަސްވެގެންދިޔައީ ދުރު ހިސާބުތަކުގެ ވޯޓުތައް ގުނުމުގައި ދިމާވި ބޮޑެތި މައްސަލަތަކަކާ ގުޅިގެން ވޯޓުތައް އަލުން ގުނައި އަދި މައްސަލަތައް ތަހުގީގު ކުރަންޖެހުމުންކަމަށް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިންތިހާބުގެ ވޯޓު ގުނަމުން ދިޔަ ވަގުތު ވޯޓުގުނާ މަރުކަޒުތަކަށް އަމާޒު ކޮށްގެން ބޮމުގެ ހަމަލާތައް ވެސް ދީފައިވެ އެވެ.

މީގެކުރިން 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް އެންމެ ގާތުން ވާދަކުރެއްވީ އަޝްރަފް ޣަނީ އާއި އަބްދުﷲ އަބްދުﷲ އެވެ.

އެއަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވެސް ވަރަށް ބޮޑަށް ލަސްވެގެންދިޔަ އެވެ. އެ އަހަރުގެ އިންތިހާބު ޣަނީ ކާމިޔާބުކުރެއްވި ނަމަވެސް އެއިންތިހާބަށް ފަހު 2015 ވަނަ އަހަރު އަފްޣާނިސްތާނުގައި އުފެއްދި ސަރުކާރަކީ ދެބޭފުޅުން ގުޅިގެން އުފެއްދި އެއްބައިވަންތަ ކަމުގެ ސަރުކާރެކެވެ. އެންމެފަހުން ޣަނީއާއި އަބްދުﷲ އިންތިހާބުގެ އަރާރުންތައް ދޫކޮށް އެދެބޭފުޅުން ސުލްހަވީ ދެބޭފުޅުން ހިއްސާ ކުރައްވާގޮތަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި ގައުމުގެ ރައީސަކަށް ޣަނީ އަދި ޗީފް އެގްޒެކެޓީވް އަކަށް އަބްދުﷲ ހުންނަވާ ގޮތަށެވެ.