ރިޕޯޓް

ގާނޫނު ނަކަލުކޮށްގެން ކޮމިޝަނެއް، ކީއްވެ؟

މިއީ ކޮމިޝަންތަކުގެ ސަރުކާރެއް ކަމެއް ކަމަށް ބުނެ އުޅެއެވެ؛ ސަރުކާރު ލިބުނު ފުރަތަމަ ދުވަހު ވެސް ދެ ކޮމިޝަން ވުޖޫދުކުރިއެވެ. އަނެއްކާވެސް މިއޮތީ ކޮމިޝަނެއް އައިސްފައެވެ. މިހާރު އެންމެ ބޮޑުވެފައިވާ އެއް ކަންބޮޑުވުމަށް ހައްލެއް ހޯދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު އުފެއްދެވި ރިޔާސީ ކޮމިޝަނެވެ. ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނެކެވެ. އެކަމަކު، ދަނޑިވަޅަށް އެންމެ މުހިންމު ފިޔަވަޅަކީ ކޮމިޝަންތޯ މިއީ ވެސް އޮތް ސުވާލެކެވެ.

ރައީސް ސޯލިހުގެ މި ރިޔާސީ ކޮމިޝަނަކީ ވަރަށް ފުޅާ މުހިންމު މެންޑޭޓެއް ކަނޑައަޅާފައިވާ ކޮމިޝަނެކެވެ. ފަސް މެންބަރުން ތިއްބަވާއިރު ތަޖުރިބާކާރު ބޭރުގެ މާހިރެއް ވެސް ކޮމިޝަނުގައި ހިމަނާފައިވެއެވެ. ދެން ވެސް ތިއްބެވީ ހުނަރުވެރިންނެވެ. އެ ފަސް މެންބަރުންނާ ހަވާލު ކޮށްފައިވާ ޒިންމާތަކަށް ބަލާއިރު ކުޑަކުދިންގެ މައްސަލަތަކުގައި އިދާރާތަކުން އަމަލު ކޮށްފައިވާ ގޮތް ބަލައި މިހާރުގެ ހާލަތު ދެނެގަތުން ހިމެނެއެވެ. އޭގެ އިތުރަށް މިފަދަ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ހާލަތު ބެލުމުގެ ބޮޑު ދިރާސާއެއް ހެދުން ވެސް އެ ކޮމިޝަންގެ ޒިންމާގައި އެބަ އޮތެވެ.

މިއީ ވަރަށް ބޮޑު ޒިންމާތަކެކެވެ. މުހިންމު ވެސް ޒިންމާތަކެކެވެ. އެކަމަކު، މިއީ މިހާރު ވެސް ބަޔަކާ ހަވާލު ވެފައިވާ ގާނޫނީ ޒިންމާތަކެކެވެ. ހާއްސަކޮށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި މި ޒިންމާތަކާ ހަވާލުވާނެ ބަޔަކު ވަނީ ކަނޑައަޅާފައެވެ. މި ގާނޫނަކީ މި ސަރުކާރުން ހުށަހަޅައިގެން ބޭނުންވި ގޮތަށް ފާސްކޮށްފައިވާ މުހިންމު ގާނޫނެކެވެ. ގާނޫނަށް އަމަލު ކުރަން ފެށި ދުވަހަކީ އާ ކޮމިޝަން ވެސް ވުޖޫދުވި ދުވަހެވެ.

އާ ގާނޫނުގައިވާ ގޮތުން ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކައުންސިލްގެ ނަމުގައި އަމަލު ކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި އުފައްދަން ޖެހޭނެއެވެ. މިނިސްޓަރަށް ޖަވާބުދާރީވާ ގޮތަށް އުފައްދާ އެ ކައުންސިލްގެ ވެސް ބިޔަ ޒިންމާތަކެއް ގާނޫނުގައި ކަނޑައަޅާފައިވެއެވެ. މައިގަނޑު ޒިންމާއަކީ ކުޑަކުދިންގެ އަނިޔާގެ މައްސަލަތައް ހުއްޓުވަން އަޅަން ޖެހޭ ފިޔަވަޅުތައް ބަލައި ސިޔާސަތުތައް ކަނޑައެޅުމުގައި ލަފާ ދިނުމެވެ. އަދި ސިޔާސަތުތައް އިދާރާތަކުން ތަންފީޒު ކުރާ މިންވަރު ބަލައި ލަފާ ދިނުމެވެ.

ކައުންސިލްގެ އިތުރުން ވެސް މުހިންމު މަގާމެއް ގާނޫނުގެ ދަށުން އުފައްދަން ޖެހެއެވެ. އެ މަގާމަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ނަމުގައި އުފައްދާ މަގާމެކެވެ. ގާނޫނުގައިވާ ގޮތުން އެ މަގާމަށް މީހެއްގެ ނަން ހުށަހަޅައި ރައީސްއެވެ. ފާސް ކުރާނީ މަޖިލީހުންނެވެ.

މި މަގާމުގެ މަސްއޫލިއްޔަތަކީ ވަރަށް ހަރުދަނާ އުސޫލުތަކާއި ފިޔަވަޅުތައް ބަޔާން ކޮށްފައިވާ ގާނޫނު ތަންފީޒު ކުރާ މިންވަރު ބެލުމެވެ. އަދި އިދާރާތަކުގެ މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް ރިވިއު ކުރުމެވެ. އޭނާއަކީ ވަކި ކޮޅަކަށް ނުޖެހި މިނިވަންކަމާއެކު ހުންނަން ޖެހޭ މީހެކެވެ. އޭނާގެ ޒިންމާތައް ފުރިހަމަ ކުރުމަށް އޭނާއަށް ބޭނުންވާނީ ވަސީލަތްތަކެވެ.

ގާނޫނުގައި ބުނާ މި ކައުންސިލާއި އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު އާ ރިޔާސީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާ ފުށު އެރުންތަކެއް އެބަހުއްޓެވެ. އާ ކޮމިޝަނަކީ އާ ގާނޫނުން ނަކަލު ކުރެވިގެން އުފެދުނު "ޑަބަލް" ކޮމިޝަނެއް ކަމަށް ބުނެވެން އޮތީ މިހެންވެއެވެ. އެއް މަސައްކަތެއް ކުރަން ދެ ބަޔަކު ބައިތިއްބުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތުގައި މިފަހަރު ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސްއަށް ލިބިވަޑައިގަންނަވާ ރިޔާސީ ކޮމިޝަންތައް އުފެއްދުމުގެ ބާރު "އެބިއުސް" ކުރައްވާފައެވެ. އާ ކޮމިޝަން އުފެއްދުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅިފައިހުރި ރޯލްތައް ރިޔާސީ ކޮމިޝަނެއް އުފައްދައިގެން ނަކަލު ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ވިދާޅުވެއެވެ. އިސްކަން ދޭންވީ ގާނޫނު ތަންފީޒު ކުރުމަށް ކަމަށް ވެސް އޭނާ ދެކެ ވަޑައިގަންނަވައެވެ.

އާ ގާނޫނަށް އަމަލު ކުރަން ފެށީ، އެ ގާނޫނަށް ތައްޔާރުވުމަށް ތިން މަސް ދުވަސް ދީފައެވެ. އެހެންކަމުން މި ގާނޫނަކީ ސަރުކާރުން އެހާ މުހިންމު ގާނޫނެއް ކަމަށް ދެކޭނަމަ، ގާނޫނަށް އަމަލު ކުރަން ފަށާއިރު ތިބެން ޖެހޭނީ ތައްޔާރުވެކަން އުޝާމް ފާހަގަ ކުރައްވައެވެ.

ގާނޫނުގައި 60 ދުވަސް ޖަހާފައިވަނީ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި ކަމަށާއި އެ މުއްދަތަށް ކޮންމެހެން މަޑުނުކޮށް ފުރަތަމަ ދުވަހު ވެސް ކައުންސިލާއި އޮމްބަޑްސްޕާސަންގެ މަގާމު އުފެއްދޭނެއެވެ. އެހެންކަމުން އުޝާމް ވިދާޅުވާ ފަދައިން އާ ކޮމިޝަނެއްގެ ބަދަލުގައި ސަރުކާރުން އިސްކަން ދޭންވީ ގާނޫނީ ނިޒާމް ފުރިހަމަ ކުރާށެވެ.

ކުޑަކުދިންގެ މައްސަލަތައް ނުބެލި އިހުމާލު ވެގެންދާ ސަބަބަކީ އިތުރު ދިރާސާތަކެއް ވެސް ބޭނުންވާ ކަންކަމެއް ނޫނެވެ. އެއީ އެންމެންނަށް ވެސް އެނގޭ އިހުމާލުތަކެވެ. ދައުލަތުގެ އިދާރާތަކުގައި އެ ގާބިލުކަން ނެތީއެވެ. އަތޮޅުތަކުގެ ތެރޭގައި މުވައްޒަފުން ނެތީއެވެ. ނަމަވެސް އިހުމާލުތައް އަލުން ހޯދައި، ދިރާސާ ކުރުމަށް ކޮމިޝަނެއް އުފައްދައި މަސައްކަތް ފެށުމަކީ އަނެއްކާވެސް އެއަށް ހަރަދުތަކެއް ހިނގައި މިހާރުން މިހާރަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތައް އެޅުން ލަސްވެގެންދާނެ ކަމެކެވެ.

އުޝާމް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މެންބަރުންނަށް ބޮޑެތި އެލަވެންސްތައް ދިނުމުގެ ބަދަލުގައި ރަށްރަށުގައި ހުރި ޖެންޑާ މިނިސްޓްރީގެ ގޮފިތަކަށް ރަނގަޅު މުވައްޒަފުން ހޯދައި ވަސީލަތްތައް އިތުރު ކުރުމަކީ މިހާރަށް އެންމެ މުހިންމު ފިޔަވަޅެވެ.

އެއިރަކު ހުންނަވާ މިނިސްޓަރެއްގެ ވެސް އެންމެ ބޮޑު ޝަކުވާއަކަށް އޮންނަނީ މުވައްޒަފުން ނެތުމާއި ވަސީލަތްތައް ނެތުމުގެ ޝަކުވާއެވެ. އަދި ފެންމަތިވި ބޮޑެތި މައްސަލަތަކުގައި ވެސް އިހުމާލު ފެށިގެން އަންނަނީ އެފަދަ މައްސަލަތަކާހުރެކަން ފެންނަން އެބަހުއްޓެވެ.

މީގެ ކުރިން ޖެންޑާ މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ޖެންޑާ މިނިސްޓްރީގެ "ސްޓްރެސް ލެވެލް" އާ ބަލާފައި މުސާރަ އެހާ ކުޑައެވެ. އެހެންކަމުން ރަނގަޅު މުވައްޒަފުން ނުލިބެއެވެ. އެތަނުގައި ތަޖުރިބާހުރި މުވައްޒަފުން މަދީ ވެސް އެހެންވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލައެއް ހުށަހެޅުމުން އެއަށް އެޓެންޑްވާނެ މުވައްޒަފެއް ނެތި، އިހުމާލުތައް ފެށިގެން އާދެއެވެ. އެކަމަށް އޮތް ހައްލަކީ މުވައްޒަފުންގެ އޮނިގަނޑު ރަނގަޅު ކުރުމެވެ. އަދި، ވަސީލަތައް ގާއިމް ކުރުމަށް މިނިސްޓްރީއަށް ރަނގަޅު ބަޖެޓެއް ދިނުމެވެ.

ޖެންޑާގެ ދަށުގައި ހުރި ކުޑަކުދިންގެ ހިޔާތަކަށް ވެސް އެކަށީގެންވާ ވަސީލަތްތައް ނުދެވި، އެ ތަނަށް މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް އެކަށީގެންވާ ބަޖެޓެއް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ފެންނަން އޮތް އެ ބޮޑު ހަގީގަތަށް ފިޔަވަޅެއް އަޅައި، އެއްވެސް ބަދަލެއް ނުގެނެސް ތިބުމަކީ ކަންބޮޑުވާ ކަމެކެވެ.

އާ ކޮމިޝަންނަށް ދީފައިވަނީ މުހިންމު މެންޑޭޓެކެވެ. ނަމަވެސް އެކަމަށް ކަނޑައަޅާފައިވާ ޓައިމް ފްރޭމަކީ ކޮބައި ކަމެއް އެމީހުންގެ ރިސޯސްތަކަކީ ކޮބައި ކަމެއް ސާފު ނުވުމަކީ މައްސަލައެކެވެ. ފަސް މެންބަރުންނަށް އެ ބޮޑު ދިރާސާ އަމިއްލައަށް ނުކުރެވޭނެކަން ބައެއް ފަރާތްތައް ފާހަގަ ކުރައްވައެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެކަމުގައި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބޭނުން ކުރަން ވިސްނާފައިވާނަމަ، ނަތީޖާ އެންމެ ރަނގަޅު ނުވެދާނެއެވެ. އެތަނުގައި އެ ކެޕޭސިޓީއެއް ނެތެވެ.

ދެން އޮތީ ކޮމިޝަންތަކުގެ ތާރީހެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ދެ ކޮމިޝަނެއް އުފެއްދެވިއެވެ. މަރުތަކާ ބެހޭ ކޮމިޝަނަކާއި ކޮރަޕްޝަނާ ބެހޭ ކޮމިޝަނެކެވެ. އެ ދެ ކޮމިޝަންގެ މަސައްކަތްތައް ކަނޑައެޅި މުއްދަތަށް ނިމިފައި ނުވާއިރު މިހާތަނަށް ވެސް އެކަށީގެންވާ އެއްވެސް ނަތީޖާއެއް ނުކުމެފައެއް ނެތެވެ.

އޭގެ ހެކިވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނު އިއްޔެ ވެސް ވިދާޅުވި ގޮތުގައި ދެ ކޮމިޝަނަށް ހަވާލުކުރި މަސްއޫލިއްޔަތުގައި ރައްޔިތުން އެދޭ މިންވަރަށް ކުލަ ޖެހިފައެއް ނުވެއެވެ. ވީއިރު ކޮމިޝަންތަކަކީ ނަތީޖާއެއް ނުނެރެވޭ "ބޭކާރު" ތަނެއްގެ ގޮތުގައި އެވަނީ "ލޭބަލް" ކުރެވިފައެވެ. އާ ކޮމިޝަނާމެދު އެ އުއްމީދު ކުރަން ބޭނުން ނުވިޔަސް، ފެންނަން އޮތް މަންޒަރަކީއެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ ވަރަށް ރަނގަޅަށް ފަރުމާކޮށްފައިވާ ގާނޫނެކެވެ. ކުޑަކުދިންނަށް އޮތް ބޮޑު ރައްކަލެކެވެ. ކުޑަކުދިންގެ މައްސަލަތަކުގައި ދައުލަތުގެ އިދާރާތަކުން އަމަލު ކުރާ އުސޫލުތަކާއި އެ ކުދިންނަށް އަޅާލާނެ ގޮތް ވަރަށް ތަފުސީލްކޮށް ލިޔެފައިވާ ގާނޫނެކެވެ. އެ ގާނޫނު އެ އޮތް ގޮތަށް ތަންފީޒުވާނަމަ، ކުޑަކުދިންގެ މައްސަލަތަކަށް އޮތް ބޮޑު ކަންބޮޑުވުން ހައްލު ވެގެން ދާނެއެވެ. އިތުރު ކޮމިޝަނެއް އިތުރު ދިރާސާއެއް މުހިންމެއް ނޫނެވެ. މުހިންމީ އެ ގާނޫނު ތަންފީޒު ކުރުމެވެ. އަދި ގާނޫނު ތަންފީޒުވޭތޯ ބެލުމަށް ގާނޫނުގައި ބުނާ މަގާމު އުފައްދައި، ލަފާ ދިނުމަށް ކައުންސިލް ވެސް އަވަހަށް އުފެއްދުމެވެ. ގާނޫނު ނަކަލުކޮށް ކޮމިޝަން އުފެއްދުމަށްވުރެ ގާނޫނީ މި ނިޒާމް ފުރިހަމަ ކުރުން މިވަގުތަށް މާ ބޮޑަށް މުހިންމު ނޫން ހެއްޔެވެ؟