ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ތާރީހީ ލިޔުންތައް ޑިޖިޓަލްކޮށް އާކައިވް ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުރި ކުރީގެ ތާރީހީ ލިޔެކިޔުންތައް ޑިޖިޓަލައިޒްކޮށް އާކައިވް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، މަޖިލީހުގެ އިދާރާގައި ތާރީހީ ވަރަށް ގިނަ ލިޔެކިޔުންތައް އެބަހުރި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި މަޖިލިސް ފެށި ޒަމާނުން ފެށިގެން މިއަދާ ހަމައަށް ހިނގާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ހުރި ފޮތްތަކާއި ލިޔެކިޔުންތައް އެބަ ހުރި ކަމަށެވެ.

"މަޖިލީހުގެ އިދާރާގައި އެބަ ހުރި ވަރަށް ތާރީހީ ލިޔެކިޔުންތައް، އެންމެ ފުރަތަމަ މަޖިލިސް ހިންގި ޒަމާނުގެ ލިޔެކިޔުންތަކެއް ވެސް މަޖިލީހުގެ އިދާރާގައި އެބަ ހުރި. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުންގެ މައުލޫމާތާއި މެންބަރުންގެ ހާޒިރީއާއި، މަޖިލީހުން ކޮށްފައި ހުރި މަސައްކަތާއި، މިހެން އެކި މައުލޫމާތު ވަރަށް ގިނަ ފޮތްތަކެއް އެބަހުރި،" ޒިޔާއު ވިދާޅުވި އެވެ.

އެ ލިޔެކިޔުންތަކާއި ފޮތްތައް ޑިޖިޓަލްކޮށް އާކައިވް ކުރުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުރިއަށް އޮތް މަސް ދުވަސްތަކެއްގެ ތެރޭގައި އެ މަސައްކަތް ނިންމޭނެ ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް ލިޔެކިޔުންތައް ގިނަ ކަމުން ނިންމޭނެ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާއު ވިދާޅުވީ، ލިޔެކިޔުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތް ނިމުމުން، މަޖިލީހުގެ ވެބްސައިޓްގައި ވެސް އެ ލިޔެކިޔުންތައް ޝާއިއު ކުރުމަށް ވިސްނާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރަމުންދާ މަސައްކަތާ ގުޅޭ ލިޔެކިޔުންތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކުގެ ލިޔެކިޔުންތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިއު ކުރެ އެވެ. މި ގޮތުން މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި ގަރާރުތަކާއި، މަޖިލީހުގެ ކޮމިޓީތަކުން ކަންކަން ދިރާސާކޮށް އެކުލަވާލައި ރިޕޯޓްތައް ވެބްސައިޓްގައި އާންމުކޮށްފައި ހުރެ އެވެ.