ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

ހަރަދު ކުޑަ ކުރަނީ ނިކަމެތި މުވައްޒަފުންގެ ޖީބުން!

މިހާރު މުޅި ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ އާ ކޮރޯނާ ވައިރަހުގެ ނުރައްކާ ހަމައެކަނި ސިއްހީ ކަމަކަށްވުރެ ބޮޑެވެ. ދުނިޔޭގެ އެންމެ ބޮޑު އިގުތިސޯދު، ޗައިނާ އިން އުފަންވި ވައިރަހުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ ކުންފުނިތަކަށް އޭގެ ލޮޅުންތައް ދަނީ އަރަމުންނެވެ. މި ބަލިމަޑިކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސޯދު އަދާ ކުރަންޖެހޭ އަގު އެއް ޓްރިލިއަން ޑޮލަރަށް އަރާނެކަމަށް މާލީ މާހިރުން ވަނީ ލަފާކޮށްފަ އެވެ.

ވައިރަސް ފެތުރުމުގެ ބިރަށް ބޭރަށް ދަތުރުނުކުރުމަށް ގިނަ ގައުމުތަކުން ރައްޔިތުންނަށް އިލްތިމާސް ކުރަމުންދާއިރު، ރާއްޖޭގެ ނާޒުކު އިގުތިސޯދު ބަރޯސާވެފައި އޮންނަ ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މިހާރުވެސް އެތަކެއް ހާސް ބުކިންތަކެއް ކެންސަލް ކުރަމުންދާއިރު، ހަމައެކަނި ޓޫރިޒަމަށް ލިބޭ ގެއްލުމުގެ އަގު 600 މިލިއަނެއްހާ ޑޮލަރަށް އަރާނެކަމަށް އެ ދާއިރާގެ އިސް ފަރާތްތަކުން އަންދާޒާކުރެ އެވެ.

އެ އިންޒާރާއެކު ސަރުކާރުންވެސް އަވަސްވެ ގަތީ މިއަހަރަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީގެ އަދަދު ދަށްވެދާނެކަމަށް ބުނެ ހަރަދު "ކުޑަ" ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. ގައުމުގެ މާލީ ކަންކަމުގެ ބެލެނިވެރި ފަރާތްކަމަށްވާ ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ބަސް އިއްވައި، ދިގު ސާކިއުލާތައް ނެރެ އަވަސް އަވަހަށް ބޭރުކޮށްލި އެވެ. އެ އެންގުންތައް ރައްދުވީ ހަމައެކަނި ދައުލަތުގެ މުއައްސަސާތަކަކަށް ނޫނެވެ. ސަރުކާރު ކުންފުނިތަކުންވެސް ހަރަދު ކުޑަ ކުރަން އަޅަންޖެހޭ ފިޔަވަޅުތަކުން ސަލާމަތް ވާ ގޮތެއް ނުވި އެވެ.

ބާރުވަނީ އާދައިގެ މުވައްޒަފުގެ ބެލްޓު

ކޮންމެ ސަރުކާރެއް އޮތަސް، ދައުލަތުގެ ހަރަދު ކުޑަކުރަން އެންގުމަކީ އާ ކަމެއް ނޫނެވެ. ކޮންމެ އަހަރެއްގެ ފަހު ކުއާޓަރު ފެށެންވާއިރަށް ހަރަދު ކުޑަ ކުރާށޭ ބުނެ ނެރޭ ސާކިއުލާއަށް ދައުލަތުގެ މުއައްސަސާތައް ނިކަން ފަރިތަ އެވެ. އެކަމަކު މިހާރެކޭ އެއްފަދައިން، އަޅަން މަޖުބޫރުކުރާ ފިޔަވަޅުގެ އަސަރު އަބަދުވެސް އެންމެ ބޮޑަށް ކުރަނީ އާދައިގެ މުވައްޒަފުންގެ ޖީބަށެވެ.

އެންމެ މުސާރަ ކުޑަކަމުގެ ޝަރަފުވެރި ލަގަބު ލިބިފައިވާ ސިވިލް ސާވިސްގައި 23،500 އެއްހާ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރެއިން 10،000 އެއްހާ މުވައްޒަފުންގެ އަސާސީ މުސާރަ 5،000 ރުފިޔާއަށް ނާރާކަމީވެސް ހަމަ އެ ހިސާބުގެ ތެރެއިން ފުރޭނިގެން އަންނަ ހަގީގަތެކެވެ.

އެގޮތުން، ސިވިލް ސާވިސް މުވައްޒަފުންގެ ބޮޑު އިންސައްތައެއް ބަރޯސާވަނީ އިތުރު ގަޑި އާއި އެހެނިހެން ގޮތް ގޮތުން ލިބޭ އެލަވަންސްކޮޅަށެވެ. އެކަމަކު އޭތި ކޮޅުގެ އުއްމީދެއްވެސް އޮންނާނީ ކޮންމެ އަހަރެއްގެ އޯގަސްޓް މަހާ ހަމައަށް، އެއްކަލަ ސާކިޔުލާ ލިބެންދެނެވެ.

"ހާއްސަކޮށް ޖޫނިއާ ސްޓާފުންނަށް ލިބޭ މުސާރަ ކޮޅު ވަރަށް ކުޑަ. ކިރިޔާވެސް އެއަށް އެއްޗެއް މި އިތުރުވަނީ އޯޓީ ލައިގެން. އެކަމަކު އަހަރުގެ މިހާ ކުރީކޮޅު މިހެންވީމާ، އެ މުވައްޒަފުންނަށް ވަރަށް ދަތިވާނެ،" ސަރުކާރުގެ މިނިސްޓްރީއެއްގައި ހިދުމަތް ކުރައްވަމުން ގެންދަވާ ސީނިއާ ބޭފުޅަކު ނަން ނުޖަހަން އެދި ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އާއްމުވަމުންދިޔަ ކަންބޮޑުވުންތަކާއެކު އިތުރު ގަޑީގެ ފައިސާ ދިނުން ހުއްޓުވާފައިނުވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި އެވެ. އެކަމަކު އިތުރު ގަޑީގެ ފައިސާ ލިބޭނީ އިތުރު ގަޑީގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީގެނެވެ. ސަރުކާރުގެ އެންގުމާއެކު، ގިނަ މުއައްސަސާތަކުގެ ރަސްމީ ގަޑި ނިމުމާއެކު، ސުން ސިކުންތައް މުވައްޒަފުން ނެރެ ފައްސާލައި، ދޮރުތައް ބަންދުކޮށް ތަޅުއަޅުވާކަމީ މީގެ ކުރިންވެސް ފެނިފައިހުރި މަންޒަރުތަކެވެ.

ދެން އޮތީ ޒަމާނުއްސުރެ ދައުލަތުގެ މުވައްޒަފުންނަށް ދައްކާ ފޮނި ހުވަފެނުގެ ވާހަކަ އެވެ. މި ސަރުކާރުން ވެސް މިއަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންގެ އިތުރުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމުގެ ވައުދު އޮތީ ވެފަ އެވެ.

"ކުރިންވެސް މާ ބޮޑު އުއްމީދެއް ނުކުރަން. އެކަމަކު މިހާރު އަދި އަމުދުންވެސް އެކަމެއް ނުވާނެ. އަނެއްކާ އެކަން ނުކުރަން ރަނގަޅު ބަހަނާއެއް އެ އޮތީ ލިބިފައި،" ކުރިން ވާހަކަ ދެއްކި ބޭފުޅާގެ މާޔޫސްކަން ބަންޑުންކޮށްލި އެވެ.

އޮފީސްތައް ހިންގުންވެސް ދަތިވާނެ

އަހަރު ފަހު ކޮޅު މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓާއެކު، އަނެއް އަހަރު ފެށޭއިރު ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް އަބަދުވެސް ތިބެނީ ވަރަށް ތައްޔާރުވެގެންނެވެ. އެކި ޑިޕާޓްމަންޓުތަކަށް މަދުވާ މުވައްޒަފުން ނެގުމާއި، ތިބި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދިނުމާއި، މަރާމާތު ކުރުމާއި، ސާމާނު ގަތުން ފަދަ އަސާސީ ކަންތައް ކޮށް ނިންމާލުމުގެ ރޫހެއްގަ އެވެ. އެކަމަކު މި އަހަރު އެއިން އެއްވެސް ކަމެއް ކުރުން ސަރުކާރުން އެ ވަނީ ހުއްޓުވައިފަ އެވެ. އަދި އެކަމުގެ ސަބަބުން ބައެއް މުއައްސަސާތައް ހިންގުމަށްވެސް އިތުރު އުނދަގޫތައް ކުރިމަތިވާނެކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.

"ކޮންމެ އަހަރެއް ފެށޭއިރު، ބޭނުންވާ މުވައްޒަފުން ހޯދަން އަޅުގަނޑުމެން ތިބެނީ ވަރަށް ތައްޔާރުވެގެން. އެކަމަކު ދެން މިއަހަރު އެކަންވާނެ ކަމާމެދު ވެސް ޝައްކު،" ދައުލަތުގެ ވުޒާރާއެއް ހިންގުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު އަވަސް އަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ވިހެއުމުން ދޭ ޗުއްޓީވެސް މިހާރު އިތުރުކޮށްފައިވާއިރު، އެ މީހުންގެ ބަދަލުގައި ވަގުތީ މުވައްޒަފުން ނެގުމުގެ ފުރުސަތު ލިބޭނެކަމާމެދުވެސް މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ހަގީގީ މައްސަލައަކީ މިއީ!

މިކަމުގައި އަވަސް އާ ވާހަކަ ދެއްކެވި ގިނަ ބޭފުޅުން އިއްތިފާގުވާ ގޮތުގައި މި ރޯގާ އާ ގުޅިގެން އިގުތިސޯދަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ގައުމީ މައްސަލަ އެކެވެ. އެހެންވީމާ، ހަރަދު ކުޑަކުރަން ސަރުކާރުން އަޅާ ފިޔަވަޅުތައް ހަޖަމުކޮށްލަން އެ މީހުން ތިބީ ތައްޔާރަށެވެ. އެހެނަސް، އެ މީހުންގެ މައްސަލައަކަށް ވަނީ އެ ފިޔަވަޅުތައް ފެށެނީވެސް އަދި ނިމެނީވެސް އެންމެ އާދައިގެ މުވައްޒަފުންނާ ހަމައިންކަމަށްވާތީ އެވެ. އެކަމުން ވެރިންނަށާއި ސިޔާސީ ބޮޑުން އިސްތިސްނާވާ ކަމުންނެވެ.

މި މަހު ކުރީ ކޮޅު ފިނޭންސުން ސާކިއުލާ ނެރުނު ފަހުން ވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމުގެ ސިލްސިލާއަށް މަޑުޖެހުމެއް އައި ތަނެއް ނުފެނެ އެވެ. ކައުންސިލް އިންތިހާބަށް ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ވަރު ވަރުން ސިޔާސީ މަގާމުތައް ދެނީ އެވެ. އެއިން ކޮންމެ މަގާމަކަށް ދޭ މުސާރައިގެ އަދަދުގެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ. ސަރުކާރަށް އެއީ ހަރަދަކަށް ނުވާތީ އެވެ.

ސަރުކާރުގެ ކުންފުނިތަކުން އެ ކުންފުންޏެއްގެ އަހަރީ ދުވަސްވެސް ފާހަގަ ނުކުރަން އަންގާފައިވާއިރު، އާދައިގެ ކުޅިވަރު ދަނޑެއްވިޔަސް، ވަރުގަދައަށް ސައި ހަދައިގެން، ސިޔާސީ ޕޮއިންޓު ހޯދަން ބާއްވައި ރިބަން ކެނޑުމުގެ އެންމެ ހަފްލާއެއްވެސް ކެންސަލްކުރި މަންޒަރެއް އަދި ނުފެނެ އެވެ.

ކުރިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި ގޮތުގައި، ހަރަދު ކުޑަކުރުމުގެ ސިޔާސަތެއް ތަންފީޒު ކުރަނީނަމަ، އެކަން ވަށާޖެހެންޖެހެ އެވެ. އެއީ ހަމައެކަނި ވަކި ބަޔަކަށް ލާޒިމުވާކަމެއްގެ ގޮތުގައި އޮތުން އެއީ އިންސާފެއްނޫންކަމަށް އޭނާ ވިދާޅުވެ އެވެ.

ގައުމަށް ކުރިމަތިވެފައިވާ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ރައްޔިތުންގެ މަންދޫބުންގެ ތޮފި އަޅައިގެން، އަބަދު އެކަމަށް ދައުވާކުރާ ރައްޔިތުންގެ މަޖިލީހުން "އެންމެ ސައި ގަޑިއެއް ގުރުބާން" ކޮށްލުން ކިހިނެއްވާނެތޯ އޭނާ ސުވާލުކުރެއްވި އެވެ.