ހަބަރު

ހިމަބިހި ވެކްސިން ކެމްޕޭނެއްް ފަށައިފި

ރާއްޖޭން ހިމަބިހި އަލުން ފެނުމާ ގުޅިގެން، "މަވެސް ޖަހައިފިން" ނަމުގައި ހިމަބިހި ވެކްސިން ކެމްޕޭނެއް މިއަދު ފަށައިފި އެވެ.

މި ކެމްޕޭން މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ. ތިން މަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕޭން މިއަދު ފެށީ އަމީނިއްޔާ ސްކޫލުގައެވެ.

މި ކެމްޕެއިންގައި ހަ މަހާއި 18 މަހާ ދެމެދުގެ ތުއްތު ކުދިންނަށް އެމްއާރް ވެކްސިންގެ އިތުރު ޑޯޒް ދެ އެވެ. އަދި 18 މަހާއި 40 އަހަރާ ދެމެދުގެ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތަކަށް ވެކްސިން ޖަހާނެ އެވެ.

ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށްވެސް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ކެމްޕެއިން އަތޮޅުތަކުގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށްވެސް ހެލްތުން ބުނެއެވެ.

މާލޭ ސްކޫލްތަކުގެ އިތުރުން ބައެއް އޮފީސް ތަކުގައިވެސް މި ކެމްޕޭން ކުރިއަށްގެންދެ އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު އަމީން ވަނީ ވެކްސިން ޖެހުމުގައި ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސްކުރައްވާފަ އެވެ. އަދި ގައިން ގަޔަށް އަރާ ބަލިތައް ނޫން ބަލިތަކުން ރައްކާތެރި ވުމަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިއްމު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލިފަހުން މިދިޔަ މަހު ވަނީ ހިމަބިހީގެ ފުރަތަމަ ކޭހެއް ފެންމަތިވެފަ އެވެ. ފުރަތަމަ ކޭސް އާއެކު ވެކްސިން ޖެހުމުގެ މަސައްކަތް މާލެ ސިޓީގެ އެކި ސަހަރައްދުތަކުގައި ފެށި އެވެ. އެގޮތުން، 10،000 އަށް ވުރެ ގިނަ މީހުންނަށް މީސްލްސް ރުބެއްލާ ވެކްސިން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 12 އަށް އަރާފަ އެވެ.